ގޯދިއްޔާ ފުޓްސަލް މުބާރާތުގައި އެކި ހިސާބުތަކަށް ނިސްބަތްވާ ޒުވާނުންނާއި ސްކޫލް ދުވަސްވަރުގެ ރައްޓެހިންގެ ޓީމުތައް ގިނައެވެ.
ނަމަވެސް މިފަހަރު މިއޮތީ ތަފާތު ޓީމެއް ނެރެފައެވެ. އެއް އާއިލާއަކަށް ނިސްބަތްވާ ބަޔަކު މިވަނީ ޓީމެއް އުފައްދައި މުބާރާތުން ޖާގަ ހޯދައިފަ އެވެ.
ކަޒިންސް އެފްސީ ޓީމު (ހިތަދޫ) ވުޖޫދަށް އައީ 2014 ވަނަ އަހަރުގައެވެ. އާއިލީ ކުދިން ކޮޅެއް އިސްނަގައިގެން އުފެއްދި މިޓީމް 2015 ވަނ އަހަރުން ފެށިގެން ގޯދިއްޔާ މުބާރާތުގައި އަންނަނީ ވާދަކޮށް ހުނަރު ދައްކަމުންނެވެ. އެގޮތުން މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރު ވެސް އެ ޓީމުން ވަނީ ކުއާޓާރ ފައިނަލުން ޖާގަ ހޯދާފައެވެ.
މިފަހަރުގެ ގޯދިއްޔާ ފުޓްސަލް މުބާރާތާއި ކަޒިންސް އެފްސީ ކުރިމަތިލާއިރު، ޓީމުގެ ކުޅުންތެރިންގެ ތެރޭގައި އާއިލީ ގޮތުން ގުޅުން ހުރި ބަޔަކު ނެތަސް މެނޭޖްމަންޓުގައި ނަގާ ކިޔަން ތިބީ ދެބެއިންގެ ދަރިންނެވެ.
މިފަހަރު ޓީމް ވަރުގަދަ ކުރުމަށް ގިނަ ކުޅުންތެރިންވަނީ ގެނެސްފައެވެ. އޭގެ ތެރޭގައި ފާއިތުވި އަހަރުތަކުގައި ޓީމަށް ކުޅެދީފައިވާ ބައެއް ކުޅުންތެރިންނާއި އާ މޫނުތައް މިފަހަރު ފެނިގެންދާނެއެވެ.
އެގޮތުން ފާއިތުވި އަހަރު ތަކުގައި ޗެމްޕިއަން ހަބޭސް އާއި މަރަދޫފޭދޫ ޓީމްގެ ފަހަތް ބެލެހެއްޓި މުހައްމަދު ސަނީމް އާއި ކަޒިން އެފްސީއަށް މިދިޔަ އަހަރުވެސް ކުޅުނު ހއ. ކެލާއަށް އުފަން އާސިފް ކުޅޭނެއެވެ. މީގެ އިތުރުން އެމްއެންޑީއެފް ޓީމުން ފާހަގަކޮށްލެވޭ ދެ ކުޅުންތެރިއަކާއި މުޅިން މި މުބާރާތުގައި ކުޅޭ ޝަފީއުއަކީ ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.
މީގެ އިތުރުން ނާސިހް، ހުސެއިން، ފާރިޝް، ހަމްދާން، އާރިޝް، ޝުޖާއު، އިވާން އަކީ ޓީމުގެ މުހިއްމު ތަރިންނެވެ.
ކަޒިން އެފްސީގެ ގޯލް ބަލަހައްޓާ އޮއްޕޮ އަކީ ފުޓްސަލް ގޯލް ބެލެހްޓުމުގައި ހުނަރުވެރި ކުޅުންތެރިއެއްކަމަށް ޓީމުގެ މެނޭޖަރ ފާހަގަ ކުރިއެވެ.
ޓީމުގެ ކޯޗަކީ އިބްރާހިމް ޒާހިރު (އިއްބާ) އެވެ. މެނޭޖަރަކީ މުބާރާތުގައި ފެނިގެންދާ ހަމައެކަނި އަންހެން މެނޭޖަރ ފާޠިމަތު ތައުފީޤެވެ. ކަޒިން އެފްސީގެ މެނޭޖްމަންޓުން ބުނީ އެޓީމްގެ ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައިވަނީ ސްޕޮންސަރ އައިސީއެމްގެ ފުރިހަމަ އެހީތެރިކަން ކަމަށެވެ. އެހެންވެ ޓީމްގެ ކުޅުންތެރިންނާއި މެނޭޖްމަންޓުން އައިސީއެމްއަށް ހިފެހެއްޓުމެއް ނެތް ޝުކުރު ދަންނަވައެވެ.
ކަޒިން އެފްސީ ހިމެނެނީ ގްރޫޕް އޭގައެވެ. އެ ގްރޫޕްގައި ފާއިތުވި ދެ އަހަރުގެ ޗެމްޕިއަން ކަން ނެގި ހަބޭސް އާއި ކްލަބް މަރަދޫ، އަދި އެސްއެމްޓީ އާއި ވެލާ ރިސޯޓް ހިމެނެއެވެ.
ކަޒިންގެ ފުރަތަމަ މެޗް ޖޫން 3 ވަނ ދުވަހުގެ ރޭ 11 ޖަހާއިރު ކުޅުމަށް ހަމަޖެހިފައިވާ އިރު ބައްދަލު ކުރާނީ މަރަދޫ އެސްއެމްޓީ އާއިއެވެ.