އައްޑޫގައި މިފަހަކަށް އައިސް ބާއްވާ ފުޓްބޯޅަ އަދި ފުޓްސަލް މުބާރާތްތަކުގައި ވާދަކުރާ ޓީމުތަކަށް ވަރަށް ފައްކާ ނަން ދީފައިވާއިރު މިފަހަރު ގޯދިއްޔާ ފުޓްސަލް މުބާރާތުގައި ވާދަކުރާ މަރަދޫފޭދޫ އަށް ނިސްބަތްވާ ޓީމަށް ދީފައިވާ ނަމަކީ، އެފްސީ އަފިރިންނެވެ.
އައްޑޫ ބަހުރުވައިގެ ބަހެއް ކަމުގައިވާ "އަފިރިން" ގެ މާނައަކީ "އަހަރެމެން" އެވެ.
ގޯދިއްޔާ ފުޓްސަލް މުބާރާތް ބާއްވަން ފެށިފަހުން މިހާތަނަށް އެފްސީ އަފިިރިން އިން މުބާރާތުގައި ބައިވެރިނުވާ އެންމެ ފަހަރެއް ވެސް ނުދެއެވެ. އެއީ މި ޓީމާއި މުބާރާތައި އޮތް ގުޅުމެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން އެފްސީ އަފިރިންގެ މެނޭޖަރ އަބްދުލް ޤާދިރު ބުނީ، އެ ޓީމުން މުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަަމަށާއި ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
މި ޓީމުގެ ކުޅުންތެރިންނަށް ބަލާއިރު އެންމެ ކުޅުންތެރިޔަކު ފިޔަވައި މުޅިން ވެސް ތިބީ މަރަދޫފޭދޫ އަށް ނިސްބަތްވާ ކުޅުންތެރިންނެވެ. ޓީމަށް މުބާރާތުގައި އިރުޝާދު ދޭނީ ކްލަބް ވެލެންސިޔާއަށް ވެސް ކުޅެފައިވާ މުހައްމަދު އަލީ އެވެ.
މުބާރާތަށް ތައްޔާރުވުމަށް ކުޅުނު ޕްރެކްޓިސް މެޗުތަކުގައި ޓީމުން ނެރެފައިވާ ނަތީޖާ އާއި މެދު މެނޭޖަރ އަބްދުލް ޤާދިރު ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.
"ޕްރެކްޓިސް މެޗްތަކުގައި ޓީމުން ދެއްކި ކުޅުމާއި ނެރުނު ނަތީޖާތަކާއި މެދު ވަރަށް ހިތްހަމަ ޖެހޭ. މުބާރާތުގައި ރަނގަޅު ކާމިޔާބެއް ހޯދޭނެ އިރާދަކުރެއްވިއްޔާ"
މުބާރާތުގައި އެފްސީ އަފިރިން ލައްވާލީ އެންމެ ވާދަވެރިވާނެ ކަމަށް ބެލެވޭ ގްރޫޕް ބީގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ކްލަބް ވީއެޗް، މަލްޓި ޖީނިއަސް ސިޓީ، އެފްއާރްޓީ، އަދި ނިއު އެމްއެފްސީ އެވެ.
އެފްސީ އަފިރިންގެ ފުރަތަމަ މެޗްގައި ޖޫން މަހުގެ 4 ވަނަ ދުވަހުގެ ރޭ ނިކުންނާނީ، ކްލަބް ވީއެޗް އާއި ދެކޮޅަށެވެ.
ޓީމުގެ ސަޕޯޓަރުންނަށް އެފްސީ އަފިރިން އިން ދޭ މެސެޖު މިއޮތީއެވެ.
"މީ އެފްސީ އަފިރިން، އަފިރިން މިތިބީ ރެޑީއަށް"