Last Updated: March 12, 21:58
Wednesday, March 12, 2025
ޚަބަރު

ޔުނައިޓެޑް ފްރެންޑްސް: ތައްޓަށް ހިފާފައި

ފާއިތުވި 2 އަހަރުގެ ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލްގައި ކުޅުނު ޔުނައިޓެޑް ފްރެންޑްސް އިން މިފަހަރުގެ މުބާރާތާއި ކުރިމަތިލަނީ، މުޅިން އާ ހިތްވަރަކާއި އެކުގައެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމުގައިވާ، ކްލަބް މޯލްޑިވްސް ޗެމްޕިއަންޝިޕުގެ ގަދަ 5 ކުޅުންތެރިންގެ ތެރެއިން 2 ކުޅުންތެރިން ޔުނައިޓެޑް ފްރެންޑްސްގެ ޓީމުން ފެނިގެންދާނެއެވެ.

މީގެ އިތުރުން ރާއްޖޭގެ ފުރަތަމަ ޑިިވިޝަންގައި އައިއެފްސީ އާއި ކްލަބް ވެލެންސިއާ އަށް ކުޅުނު އަޙްމަދު ޝާފިޢު (ޝާޓީ) އަކީ މި ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ.

މީގެ އިތުރުން މިނިވަން 50 ފުޓްބޯޅަ މުބާރާތުގައި ފޭދޫ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ހުސައިން ޝާމިން ވެސް ޔުނައިޓެޑް ފްރެންޑްސް އިން ފެނިގެންދާނެއެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ޔުނައިޓެޑް ފްރެންޑްސް ޓީމުން ވާހަކަ ދެއްކި އޮފިޝަލަކު ބުނީ އެ ޓީމުން މުބާރާތަށް ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށާއި އަމާޒަކީ ތަށި ކަމަށެވެ.

"ވަރަށް ފުރިހަމައަށް ޓީމު އޮތީ ތައްޔާރުވެފައި. މިފަހަރު ހަމަ ތައްޓަށް ހިފާފައި މިތިބީ."

ފާއިތުވި 2 އަހަރުގެ ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުގައި ކުޅެފައިވާ މި ޓީމުގެ ކޯޗަކީ، އެރެކްޓާ އެވެ.

މުބާރާތުގައި ޔުނައިޓެޑް ފްރެންޑްސް އިން ކުޅޭ ފުރަތަމަ މެޗްގައި މިރޭ 9:30 ގައި ނިކުންނާނީ ޒިލޯން އާއި ދެކޮޅަށެވެ.

އެ މެޗަށް ނިކުންނަ އިރު ޔުނައިޓެޑް ފްރެންޑްސް އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އަނިޔާގެ އެއްވެސް މައްސަލައެއް ޓީމުގައި ނެތުމެވެ.