ދައުރު ހަމަކޮށް، އޮފީސް ދޫކުރައްވައި ވަޑައިގަންނަވާ އައްޑޫގެ ކައުންސިލަރުންނާ އެކު، އައްޑޫ ސިޓީ ކައުންސިލް އިދާރާ އިން ހާއްސަ ހަފުލާއެއް ބާއްވައިފި އެވެ.
"ފެއާވެލް" އެއްގެ ގޮތުގައި ބޭއްވި ހަފުލާގައި އައްޑޫގެ މިހާރުގެ ކައުންސިލަރުންގެ ތެރެއިން މަރަދޫ ކައުންސިލަރު އަބްދުﷲ ތައްޔިބް (ޓޮމް) ފިޔަވައި އެހެން ހުރިހާ ކައުންސިލަރުންނާ އެކު އަލަށް އިންތިހާބުވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ހަފުލާގައި ކޭކެއް ފަޅައި، ދައުރުވާ ހަމަކުރާ ކައުންސިލަރުންނަށް މުވައްޒަފުންގެ ފަރާތުން ހަނދާނީ ފިލާ ވެސް އަރުވާފައިވެ އެވެ.
ހަނދާނީ ފިލާ ކައުންސިލަރުންނާ ހަވާލުކޮށް ދެއްވީ ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ މުހައްމަދު ސައުދީ ހަސަނެވެ.
އަންނަ ހޮނިހިރު ދުވަހުގެ ރޭ އަލަށް ހޮވިވަޑައިގަތް ކައުންސިލަރުން ހުވާ ކުރައްވާ އިރު، މިހާރު ވެސް ކައުންސިލްގައި ތިއްބެވި ތިން ބޭފަޅަކު މީގެ ތެރޭގައި ހިމެނިވަޑައިގަންނަވަ އެވެ.
އެއީ ހިތަދޫ އުތުރު ދާއިރާ ކައުންސިލަރު އަބްދުﷲ ސޯދިގް (ސޯބެ) އާއި ދެކުނު ދާއިރާ ކައުންސިލަރު މުހައްމަދު ޔަސްރިފްގެ އިތުރުން ފޭދޫ ކައުންސިލަރު އަލީ ފަހުމި އަހުމަދެވެ.
މިއީ ސޯބެ ކައުންސިލަށް ހޮވިވަޑައިގަތް ތިން ވަނަ ފަހަރެވެ. އަދި ފަހުމީ އާއި ޔަސްރިފްގެ ދެވަނަ ދައުރެވެ.
ދައުރު ހަމަ ކުރައްވައި އޮފީސް ދޫކުރައްވާ ބޭފުޅުންނަކީ ހުޅުމީދޫ ކައުންސިލަރު އަލީ މުހައްމަދާއި ދެ ދައުރު ފުރިހަމަ ކުރެއްވި ޓޮމް އާއި ހިތަދޫ މެދު ދާއިރާ ކައުންސިލަރު ހުސައިން ހިލްމީ އެވެ.
ކައުންސިލަށް އަލަށް ހޮވިވަޑައިގަތް ބޭފުޅުންނަކީ ހުޅުދޫ ކައުންސިލަރު އިބްރާހީން ޝުކުރީ އާއި މީދޫ ކައުންސިލަރު ހުސައިން ހިޔާޒާއި މަރަދޫ ކައުންސިލަރު ފައިސަލް އިބްރާހީމްގެ އިތުރުން ހިތަދޫ މެދު ދާއިރާ ކައުންސިލަރު ޖަމްޝީދާ މުހައްމަދެވެ.