ހަތް އެކުވެރިޔަކު ގުޅިގެން 2010 ވަނަ އަހަރު އުފެއްދި ފްރެންޑްސް ކްލަބަކީ، އައްޑޫގެ ފުޓްބޯޅައިގައި އާ ނަމެއް ނޫނެވެ. އެ ޓީމުން ހޯދާފައިވާ ކާމިޔާބީ ތަކުގެ ލިސްޓާއި އެއްވަރަށް ހުނަރުވެރި ކުޅުންތެރިން ވެސް ފުޓްބޯޅަ ދަނޑަށް ވަނީ ނެރެ ދީފަ އެވެ.
މިދިޔަ އަހަރުގެ ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ރަނަރަޕް ކަން ހޯދި ފްރެންޑްސް ކްލަބުން މިފަހަރުގެ މުބާރާތަށް ވެސް ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފަ އެވެ.
މުބާރާތުގައި ވާދަކުރާ ފްރެންޑްސް ކްލަބްގައި އޮތީ ވަރުގަދަ ސްކޮޑެކެވެ. މިޓީމުގައި ހިމެނޭ ފޭދޫއަށް ނިސްބަތްވާ މޮޅު ކުޅުންތެރިންގެ ތެރޭގައި އިބްރާހިމް އިޒްދިހާރު (އިބީ) އާއި ހަސަން އަސްއަދު އަދި ތޮއްޑޫ ފާހަގަކޮށްލެވެއެވެ.
ޓީމު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި، ރަށުން ބޭރުން ވެސް މޮޅު ކުޅުންތެރިންތަކެއް ވަނީ ގެނެސްފައެވެ.
އެގޮތުން ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގައި ބީއެމްއެލްގެ ޓީމުން ފާހަގަކޮށްލެވުނު އިޝާން އިބްރާހިމް (ސައްޓު) އާއި އެލައިޑް އިންޝުއަރެންސްގެ ޓީމަށް ކުޅުނު މުޙައްމަދު ރިއްފަތު (ރިއްޕެ) ވެސް މިފަހަރު ފްރެންޑްސް ކްލަބުން ފެނިގެންދާނެއެވެ.
މީގެ އިތުރުން ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ކްލަބް އީގަލްސްގެ 2 ކުޅުންތެރިޔަކު ވެސް ހިމެނެއެވެ. އެއީ، އިބްރާހިމް މުބީން (މުއްކި) އާއި ރިހާމް އަބްދުލް ޣަނީ (ބޮބީ) އެވެ.
ފްރެންޑްސް ކްލަބުގެ މެނޭޖަރ އަތްފާން 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުނީ، މިފަހަރުގެ މުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި ޓީމުގެ އަމާޒަކީ މުބާރާތުގެ ތަށި ކާމިޔާބު ކުރުން ކަމަށެވެ.
"ފްރެންޑްސް ކްލަބަށް އައްޑޫގެ ފުޓްބޯޅައިގައި ކާމިޔާބު ނުކުރެވޭ ހަމައެކަނި ތައްޓަކީ މިއީ. މި ފަހަރު މި ނިކުންނަނީ ހަމަ ސީދާ ތައްޓަށް. އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ."
ފްރެންޑްސް ކްލަބްގެ ކޯޗަކީ، އައްޑޫގައި ފުޓްބޯޅައަށް އަގުހުރި މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއާ އިބްރާހިމް ލުޠުފީ (ހަންޑާ)އެވެ.
ފްރެންޑްސް ކްލަބުން މުބާރާތުގެ ފުރަތަމަ މެޗްގައި ނިކުންނާނީ ޖޫން މަހުގެ 3 ވަނަ ދުވަހުގެ ރޭ މަރަދޫ، މާކަރީ ޔުނައިޓެޑާއި ދެކޮޅަށެވެ.