Last Updated: March 12, 21:58
Wednesday, March 12, 2025
ޚަބަރު

ފޯރިގަދަ "ގޯދިއްޔާ ފުޓްސަލް ކަޕް 2017" މިރޭ ފަށަނީ

ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ އެއް ފުޓްސަލް މުބާރާތް ކަމަށްވާ މަރަދޫ ގޯދިއްޔާ ފުޓްސަލް މުބާރާތް މިރޭ ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވެއްޖެ އެވެ.

މިއީ މެދުކެނޑުމެއް ނެތި ގޯދިއްޔާ ފުޓްސަލް މުބާރާތް ބާއްވާ ނުވަ ވަނަ ފަހަރެވެ.

ވީބީން ޓައިޓްލް ސްޕޮންސާކޮށްފައިވާ މި ފަހަރުގެ "ވީބީ ގޯދިއްޔާ ފުޓްސަލް ކަޕް" މިރޭ ހުޅުވާނީ އެންމެ ފަހުގެ ޗެމްޕިއަން ހަބޭސް އާއި ކްލަބް މަރަދޫ ބައްދަލު ކުރާ މެޗުންނެވެ. މެޗް ފަށާނީ މިރޭ 10:00 ގަ އެވެ.

މަރަދޫ ވެންބޮޅަފިށި ސްޓޭޑިއަމްގައި ރޭގަަނޑު ހުރިހާ މެޗްތަކެއް ކުޅޭ މުބާރާތުގައި ޖުމްލަ 20 ޓީމަް ވާދަ ކުރާ މި މުބާރާތުގައި 280 ކުޅުންތެރިންގެ ހުނަރު ފެނިގެންދާ އެވެ.
އޭގެ ތެރޭގައި، ފުޓްސަލްގައި ރާއްޖޭގައި މިވަގުތު ތިބި އެންމެ މޮޅު ކުޅުންތެރިން ވެސް ހިމެނެ އެެވެ.

މި މުބާރާތަކީ ރާއްޖޭގެ ފުޓްސަލްގެ ތާރީހުގައި އެންމެ އަގުބޮޑު އަގުގައި ކުޅުންތެރިންނާއި ކޯޗުން ގަނެފައިވާ މުބާރާތެވެ.

އެގޮތުން ކުޅުންތެރިންނަށް 10،000-70،000ރ. އާ ދެމެދުގެ އަގުތަކަށް ކުޅުންތެރިން ޓީމްތަކަށް ގެނެސްފައިވެ އެވެ.

މި މުބާރާތުގައި އައްޑޫގެ ހަތަރު އަވަށަކުން ޖުމްލަ 17 ޓީމް ވާދަ ކުރާ އިރު، ދައުވަތު ދީގެން މުބާރާތުގައި މި ފަހަރު ތިން ޓީމެއް ބައިވެރިވެ އެވެ. އެއީ ކްލަބް ވީއެޗާއި ސައުތު ބްލޫޒްގެ އިތުރުން ވެލާ ޕްރައިވެޓް އައިލެންޑް ޓީމެވެ.

ޖުމްލަ 48 މެޗް ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ކުރިއަށް ދާނީ މިރެއިން ފެށިގެން މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިރޭ ކުޅޭ ދެވަނަ މެޗްގައި 11 ޖަހާއިރު ބައްދަލު ކުރާނީ ހިތަދޫ މަލްޓި ޖީނިއަސް ސިޓީ އާއި ފޭދޫ އެފްއާރްޓީ އެވެ.

މި މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ މިޓްސުބިޝީ އަދި މޯލްޑިވްސް އެކްސްކުލޫސިވް އެވެ. ޓްރެވަލް ޕާޓްނަރަކީ ސްރީލަންކަން އެވެ. ޓެލެކޮމް ޕާޓްނަރަކީ އުރީދު އެވެ.

ބްރޯޑްކާސްޓިން ޕާޓްނަރަކީ ޔެސް ޓީވީ އެވެ. ޔޭސް ޓީވީން މުބާރާތުގެ ސެމީ ދެ މެޗާއި ފައިނަލް މެޗް ލައިވް ކުރާނެ އެވެ.

މީގެ އިތުރުން ޑްރިންކް ޕާޓްނަރުގެ ގޮތުގައި "ބިގް ބޮސް" ހަމަޖައްސާފައިވާ އިރު ސްޕޯޓްސް ޕާޓްނަރަކީ ފަލަކް ސްޕޯޓްސް އެވެ. ކެޓަރިން ޕާޓްނަރަކީ މަރަދޫ "ކިއު ކޯނާ" އެވެ. މުބާރާތުގެ އޮފިޝަލް މީޑިއާއަކީ "އައްޑޫ ލައިވް"އެވެ.

މުބާރާތަށް ހާއްސަކޮށްގެން "އައްޑޫ ލައިވް"ގައި ގާއިމްކޮށްފައިވާ ޕޭޖުން ޓީމްތަކުގެ އަޕްޑޭޓްތަކާއި މެޗް ޝެޑިއުލް އަދި ކުރިއަށް ހުރި މެޗްތަކާއި ނަތީޖާތަކާއި އަދި ގިނަ ލަނޑު ޖަހާ ކުޅުންތެރިންގެ މައުލޫމާތު ފެންނާނެ އެވެ.

"އައްޑޫލައިވް"ގައި ވާ ވީބީ ގޯދިއްޔާ ފުޓްސަލް ކަޕް" ލިންކް

Goadhiyya Futsal Cup 2017