އުރީދު އާއި 2000 އައިލްސްއާ ދެމެދު ޕާޓްނަޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އުރީދޫން ބުނި ގޮތުގައި މި ޕްރޮޖެކްޓްގެ ބޭނުމަކީ ރާއްޖޭގެ ރަށްތަކުގެ ދިރިއުޅުމާއި ވެށި ދައްކުވައި ދިނުމުގެ ގޮތުން މަޝްހޫރު ފޮޓޯގްރާފަރު އައިޝަތު ނަޖް އާއި ލިޔުންތެރިޔާ ޑެނިއެލް ބޮސްލޭގެ ބައިވެރިވުމާއެކު ރާއްޖޭގެ އެކި ންކޮޅުތަކުގައި ހުރި ތާރީހީ ކަންކަން އެކުލަވާލުމެވެ.
އެގޮތުން ފޮޓޯ ޖާނަލިޒަމާއި ޓްރެވަލް ބްލޮގިން މެދުވެރިކޮށް ރަށްތަކުގެ ދިރިއުޅުމާއި ވެށި ދައްކައި ދޭނެ ކަމަށް އުރީދޫން ބުންޏެވެ.
މި މަސައްކަތުގެ ތެރެއިން 2000 އައިލްސް ޓީމުން ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރާ އިރު، މަސައްކަތަށް ބޭނުންވާ މުވާސަލާތީ އެހީތެރިކަން އޮފިޝަލް ޓެލެކޮމިއުނިކޭޝަން ޕާޓްނަރެއްގެ ގޮތުގައި އުރީދޫން ފޯރުކޮށް ދޭނެ އެވެ.
އެ ކުންފުނީގެ އެސިސްޓަންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ އުރީދުއަކީ މުޖުތަމައުގެ ތަރައްގީ އަށް މަސައްކަތް ކުރާ ކުންފުންޏަކަށްވާތީ އުރީދޫގެ އިންޓަނެޓް ހިދުމަތުގެ އެހީގައި އުފެއްދުންތެރި ޕްރޮޖެކްޓްތަކެއް ޒުވާނުން ހިންގާތީ އުފާ ކުރައްވާ ކަމަށެވެ.
މި ޕްރޮޖެކްޓާ ބެހޭ ގޮތުން ނަޖް ބުނީ ތާރީހީ ކަންކަން ހޯދުމުގެ މަސައްކަތުގައި އުރީދޫގެ 4ޖީ ނެޓްވޯކް މެދުވެރިކޮށް ކޮންމެ ދުވަހަކު އަޕްލޯޑް ކުރަމުންދާ ބްލޮގް ޕޯސްޓުތަކާއި ސޯޝަލް މީޑިއާ އަޕްޑޭޓްތަކުގެ އެހީގައި، ދަތުރުގެ ކޮންމެ މައުލޫމާތެއް ވެސް ހިއްސާ ކުރެވޭނެ ކަމަށެވެ.
ރާއްޖޭގެ އެންމެ މަގުބޫލް ދުވަހު ނޫސް "މިހާރު" އާ ގުޅިގެން 2000 އައިލްސް ޓީމުން ފަށާފައިވާ މި ޕްރޮގްރާމްގެ އެކިއެކި މައުލޫމާތާއި ފޮޓޯތައް "މިހާރު" ނޫހުގެ އިނގިރޭސި އެޑިޝަންގައި މިހާރު ވެސް ކޮންމެ ހަފުތާއަކު އަންނަނީ ޝާއިއު ކުރަމުންނެވެ.