ގޯދިއްޔާ މުބާރާތުގެ ދިގު މާޒީގައި އެފްއާރްޓީ ނުފެންނަ ފަހަރެއް ނާދެއެވެ. ކޮންމެ މުބާރާތެއްގެ ފޭވަރިންޓުންގެ ލިސްޓުން އެޓީމް ޖާގަ ހޯދާއިރު އެއީ ގޯދިއްޔާގެ ވަރުގަދަ ބްރޭންޑެކެވެ.
މުބާރާތުގައ ވާދަކުރާ ގިނަ ޓީމުތަކުން ރަށުން ބޭރުން މޮޅު ކުޅުންތެރިންތަކެއް ގެނެސްފައިވި ނަމަވެސް އެފްއާރްޓީގެ ޓީމުގައި ހިމެނެނީ މުޅިން ވެސް ފޭދޫއަށް ނިސްބަތްވާ ކުޅުންތެރިންނެވެ.
އެފްއާރްޓީ ޓީމުގެ ނަން ނިސްބަތްވަނީ 2001 ޖުލައި 21 ވަނަ ދުވަހު ފޭދޫން ރާޅާ އަޅަން ނިކުމެ އުޅެނިކޮށް ވީނުވީއެއް ނޭގި ގެއްލުނު ހަސަން ފިރުދައުސް (ފިރާ)އަށެވެ.
އެ ޓީމުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ޓީމު ގޮވައިގެން މިފަހަރު ނިކުންނަނީ އެއްބަނޑު އެއްބަފާ ތިން ބެއިންނެވެ. ޓީމުގެ މެނޭޖަރަކީ ހުސައިން އާސިރު (އާއްޓޭ) އެވެ. ޓީމުގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އާއްޓޭގެ އެއްބަނޑު އެއްބަފާ އިބްރާހިމް އާސިރް(އިއްބާ) އަދި އަލީ އާސިރް (އޮޓޯ އައްލާ) އެވެ.
މީގެ އިތުރުން ފުވައްމުލަކަށް ނިސްބަތްވާ ޠާހާ މުހައްމަދު (ޓޮޓީ) އަކީ ވެސް މި ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން އެފްއާރްޓީގެ މެނޭޖަރ އާއްޓޭ ބުނީ، މުބާރާތަށް ނިކުންނަ އިރު އެ ޓީމުގެ އަމާޒަކީ ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށް ދެވެން އޮތް އެންމެ ދުރަކަށް ދިއުން ކަމަށެވެ.
އަދި އެންމެ ފާހަގަކޮށްލެވެނީ މި މުބާރާތުގައި ފިރާގެ ކޮއްކޮ އިސްމާއިލް ފިރުދައުސް ކުޅޭނެއެވެ.
"އެފްއާރްޓީން ނިކުންނަނީ ޖެހޭ ޓީމަކާއި ޖެހި ވާ އެއްޗެއްވެ، ދެވެން އޮތް ހިސާބަކަށް ދާން."
އާއްޓޭ ބުނި ގޮތުގައި އެހެން ޓީމުތަކުން ގެނައި ގޮތަށް ބޭރުން ކުޅުންތެރިން ނުގެނައީ، މާލީ ގޮތުން ޓީމުގައި އެފަދަ ތަނަވަސްކަމެއް ނެތުމުން ކަމަށާއި ބޭނުންވަނީ އެފްއާރްޓީއަށް ނިސްބަތްވާ ޒުވާނުންނަކީ މުޖްތަމަޢްއަށް ބޭނުންތެރި ބައެއްކަން ދެއްކުމަށް ކަމަށެވެ.

އެފްއާރްޓީ ހިމެނެނީ ގްރޫޕް ބީގައެވެ. އެޓީމުގެ ފުރަތަމަ މެޗް މިރޭ ކުޅޭއިރު ބައްދަލު ކުރާނީ ހިތަދޫގެ ގަދަ ބާރެއް ކަމަށްވާ މަލްޓި ޖީނިއަސް ސިޓީ އާއިއެވެ.