ގޯދިއްޔާ ފުޓްސަލް މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމަކީ ފާއިތުވި 2 އަހަރު ވެސް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފޭދޫ އަށް ނިސްބަތްވާ އެފްސީ ހަބޭސްއެވެ.
1997 ވަނަ އަހަރު ފޭދޫ ޒުވާނުންތަކެއް ގުޅިގެން އުފެއްދި ހަބޭސް ޓީމަކީ، އައްޑޫގައި ބޭއްވި ފުޓްބޯޅަ މުބާރާތްތަކުގައި ރަގަޅު ނަތީޖާތަކެއް ހޯދާފައިވާ ޓީމެކެވެ.
މިފަހަރުގެ ގޯދިއްޔާ ފުޓްސަލް މުބާރާތާއި ކުރިމަތިލާއިރު ހަބޭސް ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔަކީ، ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެމުންދާ އިބްރާހިމް މަހުދީ (އިއްބެ)އެވެ. އިއްބެގެ އިތުރުން ދެން ވެސް އެ ޓީމުގައި ތިބީ ގޯދިއްޔާގެ ތަށި އުފުލާފައިވާ ހުނަރުވެރި ކުޅުންތެރިންނެވެ.
ޓީމުގެ މެނޭޖްމަންޓަކީ ފާއިތުވި 2 އަހަރުގެ ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު ވެސް އޮތް މެނޭޖްމަންޓެވެ. އެގޮތުން ޓީމުގެ މެނޭޖަރަކީ، އަބްދުﷲ ނަސީރެވެ. ކޯޗަކީ، ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމް ތަކަށް ކުޅެފައިވާ އަލީ ސަރީރް (ޕީޓާ) އެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން އެފްސީ ހަބޭސްގެ އޮފިޝަލަކު ބުނީ މުބާރާތަށް ޓީމުން ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި އެ ޓީމުން ނިކުންނަނީ ފާއިތުވި 2 އަހަރުގެ ކާމިޔާބީ ތަކުރާރުކުރަން ކަމަށެވެ.
"ހަބޭސް އިން މިފަހަރު މި ނިކުންނަނީ ތަށި ދިފާއުކުރަން. ޓީމު އޮތީ މުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައި."
ގޯދިއްޔާ ފުޓްސަލް މުބާރާތުގައި އެފްސީ ހަބޭސް ހިމެނެނީ ގްރޫޕް އޭ ގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ގްރޫޕް އޭގައި ހިމެނެނީ ވެލާ ޕްރައިވެޓް އައިލޭންޑްގެ ޓީމާއި، ކަޒިންސް އެފްސީ، އެސްއެމްޓީ އަދި ކްލަބް މަރަދޫއެވެ.
އެފްސީ ހަބޭސްގެ ފުރަތަމަ މެޗްގައި މިރޭ 10 ޖަހާއިރު ނިކުންނާނީ ކްލަބް މަރަދޫ އާއި ދެކޮޅަށެވެ.