މަރަދޫއަށް ނިސްބަތްވާ ގޯދިއްޔާ ފުޓްސަލް މުބާރާތަށް އެންމެ ފޯރީގައި ތައްޔާރުވި އެއް ޓީމަކީ ކްލަބް މަރަދޫ އެވެ.
ރަށުން ބޭރުން ގިނަ ކުޅުންތެރިންތަކެއް ނުގެނައި ނަމަވެސް އެ ޓީމުގައި އޮތީ ހުނަރުވެރި ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ސްކޮޑެކެވެ. އެ ޓީމުގައި ނަގާ ކިޔަން ތިބީ މަރަދޫގައި ފުޓްސަލްގައި އެންމެ ފާހަގަކޮށްލެވޭ ޒުވާން ކުޅުންތެރިންނެވެ.
ކްލަބް މަރަދޫގެ މެނޭޖަރ ނިޝާލް މޫސާގެ ބުނާގޮތުން ނަމަ "ކްލަބް މަރަދޫ ނިކުންނާނީ މަރަދޫގެ ޒުވާން ބެޗް ގޮވައިގެންނެވެ."
އެގޮތުން ދާދިފަހުން ބޭއްވި މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ހަސަން އައިކު އާއި ކިކޫ އަކީ އެ ޓީމުގެ މުހިއްމު ކުޅުންތެރިންނެވެ.
މީގެ އިތުރުން ޓީމު ވަރުގަދަ ކުރުމަށޤ އއ. ރަސްދޫ އިން ގޯލްކީޕަރަކާއި ފޯވާޑެއް ވެސް ވަނީ ގެނެސްފައެވެ.
އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ހަބޭސް އާއި އެއް ގްރޫޕެއްގައި ހިމެނޭ ކްލަބް މަރަދޫ ޓީމުގެ ކޯޗަކީ މުހައްމަދު އަމީތެވެ.
ޒުވާން ކުޅުންތެރިން ގޮވައިގެން ނިކުންނަ ކްލަބް މަރަދޫގެ މެނޭޖަރ ނިޝާލް ބުނި ގޮތުގައި އެ ޓީމުގެ އަމާޒަކީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުން ކަމަށެވެ.
ކްލަބް މަރަދޫގެ ފުރަތަމަ މެޗްގައި މިރޭ ބައްދަލު ކުރާނީ ފާއިތުވި 2 އަހަރު މުބާރާތުގެ ޗެމްޕިއަން އެފްސީ ހަބޭސް އާއި އެވެ.