ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗްގައި މިރޭ އެފްސީ ހަބޭސް އާއި ދެކޮޅަށް ނިކުންނައިރު މާޒީއަށް ބަލަން ބޭނުން ނުވާ ކަމަށް ކްލަބް މަރަދޫ އިން ބުނެފިއެވެ.
ކްލަބް މަރަދޫގެ މެނޭޖަރ ނިޝާލް ބުނީ، މިރޭ އެ ޓީމުން ނިކުންނާނީ މީގެ ކުރިން އެފްސީ ހަބޭސް އާއި ބައްދަލުކުރި މެޗްތަކުގެ ނަތީޖާ ހަނދާން ނައްތާލުމަށް ފަހު މެޗުން މޮޅުވާން ކަމަށެވެ.
2015 ވަނަ އަހަރުގެ ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ފައިނަލް މެޗްގައި ވެސް ބައްދަލުކުރީ އެފްސީހަބޭސް އާއި ކްލަބް މަރަދޫއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗް 2-3 އިން ކާމިޔާބު ކުރީ އެފްސީ ހަބޭސް އިންނެވެ.
މީގެ އިތުރުން 2016 ވަނަ އަހަރުގެ މުބާރާތް ހުޅުވި މެޗްގައި ވެސް ބައްދަލުކުރީ މި ދެޓީމެވެ. މެޗު ފަސޭހަކަމާއެކު 0-8 އިން ހަބޭސް ކާމިޔާބުކޮށްފައިވާއިރު އެ މުބާރާތުގެ ޗެމްޕިއަންކަންވެސް ހަބޭސް ވަނީ ނަގާފައެވެ.
ނަމަވެސް އާ މުބާރާތަކަށް އާ ހިތްވަރަކާ އާއަޒުމަކާއެކު ކުލަބު މަރަދޫ ނިކުންނައިރު ޓީމު ބޭނުންވަނީ މާޒީ އިން ލިބުނު ތަޖުރިބާގެ ބޭނުންކޮށްގެން ހަބޭސް ބަލިކުރުމަށްފަހު މުބާރާތުގެ ފެށުން ރަނގަޅު ކުރުމަށެވެ.
އެހެންނަމަވެސް އެފްސީ ހަބޭސްއަކީ ގޯދިޔާގެ ދަނޑުގައި އެހެން ޓީމުތައް ޖެހިލުންވާނެ ނަމެކެވެ. ފާއިތުވެދިޔަ ދެއަހަރުގެ ޗެމްޕިއަންކަން ނެގޭނީ ހުނަރުގެ އިތުރުން ތަޖުރިބާއާއި ނުގުޑާނެ ފަދަ ވަރުގަދަ އަޒުމެއް އޮވެގެންނެވެ.
ހަބޭސް އިން ބުނަނީ ކުލަބުގެ އަޒުމަކަށް ބަދަލެއް އައިސްފައިނުވާ ކަމަށެވެ. ޓީމު ނިކުންނާނީ އެއްބައިވަންތަކަމާއި އެކުވެރިކަން އިސްކޮށް، ފާއިތުވެދިޔަ ދެ އަހަރުވެސް ކުލަބު މަރަދޫ ބަލިކުރެވޭނެފަދަ ވަރުގަދަ އަޒުމަކާއި އެކުގައި ކަމަށެވެ.
ކޮންމެއަކަސް މޮޅުވާނެ ޓީމެއް ނޭނގުނަސް މެޗަކީ ފޯރިގަދަވާނެ މެޗެއްކަން ކަށަވަރެވެ. ދެޓީމުގެ ކުޅުންތެރިންގެ އިތުރުން ސަޕޯޓަރުންވެސް ތިބީ މެޗު ފެށުމަށް ކެތް މަދުވެފައެވެ.