Last Updated: March 12, 21:58
Wednesday, March 12, 2025
ކުޅިވަރު

ފުރަތަމަ މެޗް ހަބޭސް އަށް، ދެވަނަ މެޗް މަލްޓި އަށް

ވީބީ ގޯދިއްޔާ ފުޓްސަލް ކަޕް 2017ގެ ފުރަތަމަ ރޭގައި ކުޅުނު ދެމެޗު ފޭދޫގެ އެފްސީ ހަބޭސް އަދި ހިތަދޫގެ މަލްޓި ޖީނިއަސް ކާމިޔާބުކޮށްފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ޗެމްޕިއަންސް ހަބޭސް ނިކުތީ މިދިޔަ އަހަރުގެވެސް ފުރަތަމަ މެޗުގައި ބައްދަލުކުރި ކުލަބު މަރަދޫއާއި ދެކޮޅަށެވެ. ފާއިތުވެދިޔަ ތިން އަހަރެކޭ އެއްފަދައިން މިއަހަރުވެސް މެޗު ނިމިގެން ގޮސްފައިވަނީ ހަބޭސް 0-4 އިން ކުރީގައި އޮވެގެންނެވެ.

މެޗުގެ ވަރަށް ކުރީ ކޮޅު ހަބޭސް ލަނޑު ޖަހައި ލީޑު ނަގާފައިވާއިރު މެޗުގެ ފުރަތަމަ ހާފުގައި ހަބޭސް ވަނީ ކުލަބު މަރަދޫ ކޮޅަށް ތިން ލަނޑު ޖަހާފައެވެ. ދެވަނަ ހާފުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް ހަބޭސް ފެށުން ރަނގަޅުކޮށްފައިވާއިރު ކުލަބު މަރަދޫއަށް މިރޭގެ މެޗުގައި ލަނޑެއް ޖެހިފައެއް ނުވެއެވެ.

މިރޭގެ މެޗުގައި ހަބޭސްއަށް ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ހާރޫން އިބްރާހިމްއާއި އިބްރާހިމް ހަމްދާންގެ އިތުރުން އަހުމަދު ވިސާލްއެވެ. ހަމްދާން ވަނީ މިރޭގެ މެޗުގައި ދެލަނޑު ޖަހާފައެވެ.

މިރޭގެ ދެވަނަ މެޗުގައި ހިތަދޫގެ މަލްޓި ޖީނިއަސް އާއި ފޭދޫގެ އެފްއާރްޓީ ބައްދަލުކުރި މެޗު ފޯރިގަދަ ކުޅުމަކަށްފަހު މަލްޓި ޖީނިއަސް ކާމިޔާބުކޮށްފައިވަނީ 1-4 ގެ ނަތީޖާއަކުންނެވެ.

މަލްޓި ޖީނިއަސްގެ ލަނޑުތައް ކާމިޔާބުކޮށްފައިވަނީ އަލީ މަފާޒްގެ އިތުރުން އިބްރާހިމް އާޒިމްއެވެ. ދެކުޅުންތެރިންވެސް މިރޭގެ މެޗުގައި ދެލަނޑު ޖަހާފައިވާއިރު އެފްއާރްޓީގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ މުހައްމަދު ޝިމާޒްއެވެ.