އައްޑޫގައި ކޭބަލް ޓީވީގެ ހިދުމަތް ދެމުން އަންނަ ކުންފުންޏެއް ކަމަށްވާ ސެޓް ލިންކާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ސެޓް ލިންކަކީ މިހާރު ވެސް ރާއްޖޭގެ އެކި އަތޮޅުތަކުގެ 35 ރަށަކަށް ކޭބަލް ޓީވީގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ.
ޕީއެސްއެމާއި ސެޓް ލިންކާ ދެމެދު ވެވުނު އެއްވަސްވުމުގެ ދަށުން އެ ކުންފުނިން ކޭބަލް ޓީވީގެ ޚިދުމަތް ދެމުން އަންނަ ހުރިހާ ރަށެއްގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން ޕީއެސްއެމްގެ ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ޕީއެސްއެމްގެ މެނެޖިން ޑިރެކްޓަރު އިބްރާހިމް ޚަލީލު ވިދާޅުވީ ޕީއެސްއެމްގެ ކޭބަލް ޓީވީގެ ޚިދުމަތް ފަށާ އިރު ފުރަތަމަ މަރުހަލާގައި މާލޭގެ އިތުރުން އަތޮޅުތަކުން 6،000 ކަސްޓަމަރުންނަށް ޚިދުމަތް ދެވޭނެ މަގުފަހިވެފައިވާ ކަމަށެވެ.
ޕީއެސްއެމުން ބުނީ ކޭބަލް ޓީވީގެ ހިދުމަތުގައި ޚަބަރު ޗެނަލްތަކާއި އިންޑިއާގެ މަޝްހޫރު ޗެނަލްތަކާއި ހޮލީވުޑްގެ ޗެނަލްތަކާއި ކުޅިވަރާއި ލައިފް ސްޓައިލްގެ ޗެނަލްތައް ހިމެނޭނެ ކަމަށެވެ.
އަދި ރާއްޖޭގެ ކޭބަލް ޓީވީގެ ޚިދުމަތުގައި މިހާރު ލިބެންނެތް އިތުރު ޚިދުމަތްތައް ވެސް ލިބޭނެ ބުންޏެވެ.
ސެޓް ލިންކްގެ މެނެޖިން ޑިރެކްޓަރު ހުސެން މާހިދު ވިދާޅުވީ އެ ކުންފުންޏާއި ޕީއެސްއެމް މަސައްކަތް ކުރަނީ ކޮލެޓީ އަދި އަގުހެޔޮ ޚިދުމަތްތަކެއް ދޭން ކަމަށެވެ.
"ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވާ ސެޓް ލިންކުގެ ވަސީލަތްތައް މެދުވެރިކޮށް ޕަބްލިކްސާވިސް މީޑިއާއިން ދޭން ބޭނުންވާ ކޭބަލް ޓީވީގެ ސާވިސް ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެއް،" އޭނާ ވިދާޅުވި އެވެ. "މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ރައްޔިތުންނަށް ފުރިހަމަ ރަނގަޅު ފުރިހަމަ އަގުހެޔޮ ކޮލިޓީ ސާވިސްއެއް ލިބޭނެ ކަމަށް ސެޓް ލިންކްގެ ފަރާތުން އުންމީދު ކުރަން."
ޕީއެސްއެމާ ގުޅިގެން ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށް މާޗް 29، 2017 ގައި އާންމުކޮށް ހުޅުވާލުމާ އެކު 100 އެއްހާ ރަށުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ޕީއެސްއެމުން ބުންޏެވެ.