ވީބީ ގޯދިއްޔާ ފުޓްސަލް ކަޕް 2017 ގައި ރޭގައި ކުޅުނު މެޗުތައް ކުލަބު ވީއެޗް، އެފްސީ ބޭރުމަތި އަދި އެފްސީ ޒެފިއާ މައްޓޭ ކާމިޔާބުކޮށްފި އެވެ.
ރޭގެ ފުރަތަމަ މެޗުގައި ކުލަބު ވީއެޗް އެފްސީ އަފިރިންގެ މައްޗަށް ކުރި ހޯދާފައިވަނީ 1-9 ގެ ބޮޑު ތަފާތަކުންނެވެ. ވީއެޗްގެ އަބްދުﷲ ޝައްފާން ރޭގެ މެޗުގައި ހެޓްރިކް ހަދާފައިވާއިރު ހަސަން އަދުހަމް ވަނީ ދެލަނޑު ޖަހާފައެވެ. ވީއެޗްއިން ރޭގައި އިތުރު ގޯލުތައް ޖަހާފައިވަނީ މުހައްމަދު އިމްރާނާއި ހުސެން ޝަރީފް އަދި އިސްމާއިލް ފާތިހްގެ އިތުރުން އަބްދުﷲ ޖުނެއިދެވެ. އަފިރިންގެ ހަމައެކަނި ލަނޑު ފެނިގެން ގޮސްފައިވަނީ އިސްމާއިލް އަބްދުﷲގެ ފަރާތުންނެވެ.
ރޭގެ ދެވަނަ މެޗުގައި އެފްސީ ބޭރުމަތި ނިކުމެފައިވަނީ ޑީސީ ސްޕޯޓްސްއާއި ދެކޮޅަށެވެ. ފޯރިގަދަ މިމެޗު ނިމިގެން ގޮސްފައިވަނީ 2-3 އިން ބޭރުމަތި މެޗު ކާމިޔާބުކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ހާފު 1-1 އިން ދެޓީމު އެއްވަރުވެގެން ނިމިފައިވާއިރު ބޭރުމަތި ވަނީ ދެވަނަ ހާފުގައި ދެލަނޑު ޖަހާފައެވެ. ޑީސީއަށް ދެވަނަ ހާފުގައި ކާމިޔާބުކުރެވިފައިވަނީ އެންމެ ލަނޑެކެވެ. މިމެޗުގައި ބޭރުމަތި ޓީމުން ގޯލު ޖަހާފައިވަނީ އިބްރާހިމް އަސްވާދް، ހުސެން މިފްރާހް އަދި މުހައްމަދު ސާޖިދެވެ. ޑީސީ ސްޕޯޓްސްގެ ލަނޑުތައް ޖަހާފައިވަނީ ހުސެން ވިފާގް އަދި ސިނާން އިބްރާހިމް ރަޝީދެވެ.
ރޭގެ ފަހު މެޗުގައި ހިތަދޫގެ ޒެފިއާ ވަނީ ފޭދޫގެ ލޮނަ އެފްސީ 1-3 އިން ބަލިކޮށްފައެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ދެވަނަ ހާފުގައި ޒެފިއާގެ އިބްރާހިމް ސައީދު(އެޓޫ) ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް ޒުވާން ފޯވާޑް ހަސަން ރާއިފް އަހުމަދު ވަނީ ދެ ލަނޑު ޖަހާފައެވެ. ލޮނަ އެފްސީގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ މުހައްމަދު ލިޔާހުއެވެ.