ފޯރިގަދަ ގޯދިއްޔާ ފުޓްސަލް ކަޕް 2017 ގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތައް ވެލާ ޕްރައިވެޓް އައިލެންޑާއި ނިއު އެމްއެފްސީ އަދި ޔުނައިޓެޑު ފްރެންޑްސް ކާމިޔާބުކޮށްފިއެވެ.
ރޭގެ ފުރަތަމަ މެޗުގައި މިފަހަރުން މުޅިން އަލަށް މުބާރާތުގައި ބައިވެރިވި ވެލާ ޓީމު ވަނީ ކުލަބު މަރަދޫ 3-4 އިން ބަލިކޮށްފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ވެލާއަށް ލަނޑުތައް ޖަހާދީފައިވަނީ އަހުމަދު އިމްރާނާއި މުހައްމަދު ޝިޔާން އަދި އަހުމަދު ނާހިދެވެ. މެޗުގައި އިމްރާން ވަނީ ދެލަނޑު ޖަހާފައެވެ.
ކުލަބު މަރަދޫގެ ލަނޑުތައް ކާމިޔާބުކޮށްފައިވަނީ ހުސެން އައިކް އަދި އިބްރާހިމް ލަތީފްއެވެ. ކުލަބް މަރަދޫގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ރޭގެ މެޗުގައި ޖަހާދީފައިވަނީ އައިކްއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އެފްސީ ހަބޭސްއާއި ދެކޮޅަށް ނިކުމެވެސް ކުލަބު މަރަދޫ ވަނީ ބަލިވެފައެވެ.
ރޭގެ ދެވަނަ މެޗުގައި އެފްއާރުޓީއާއި ނިއުއެމްއެފްސީ ބައްދަލުކުރި މެޗު ނިއު ވަނީ ފަސޭހަ ކަމާއެކު 1-5 އިން ކާމިޔާބުކޮށްފައެވެ. ފުރަތަމަ ހާފުގައި ނިއުއެމްއެފްސީ ދެ ލަނޑު ޖަހާފައިވާއިރު ދެވަނަ ހާފުގައި ތިން ލަނޑު ފެނިގެންގޮސްފައިވެއެވެ. ނިއުގެ ލަނޑުތައް ކާމިޔާބުކޮށްފައިވަނީ ހުސެން ވާފިރާއި އަލީ އުމަރެވެ.
މެޗުގައި ހުސެން ވާފިރް ދެ ލަނޑު ޖަހާފައިވާއިރު އަލީ އުމަރު ވަނީ ރޭގެ މެޗުގައި ހެޓްރިކް ހަދާފައެވެ. އެފްއާރްޓީގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ ޖާޒީ ނަމްބަރު 7، މުހައްމަދު ޝިމާޒެވެ. މިއީ އެފްއާރްޓީވެސް މިފަހަރުގެ މުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗު މަލްޓި ޖީނިއަސްއާއި ދެކޮޅަށް ކުޅެ އެފްއާރްޓީ ވަނީ 1-4 އިން ބަލިވެފައެވެ.
ރޭގެ ފަހު މެޗުގައި ޔުނައިޓެޑް ފްރެންޑްސް ވަނީ ސްކޫޕް ކަންމަތި 2-5 އިން ބަލިކޮށްފައެވެ. ޔުނައިޓެޑް ފްރެންޑްސްގެ އަލީ ޝިފާއު އަދި އަހުމަދު ޒިޔާން ވަނީ ކޮންމެ ކުޅުންތެރިޔަކަށް ދެލަނޑު ޖަހާފައެވެ. މީގެ އިތުރުން ފްރެންޑްސްގެ އަޔާޒް އަހުމަދުވެސް ރޭގެ މެޗުގައި ވަނީ ލަނޑު ޖަހާފައެވެ. ސްކޫޕްގެ ލަނޑުތައް ޖަހާފައިވަނީ ހަސަން އިރުފާންގެ އިތުރުން އަލީ ޝިމާހްއެވެ.