އައްޑޫގައި ފިތުރު ޒަކާތުގެ ކަންކަން ކައުންސިލުން ކުރިއަށް ގެންދެވެން ނެތް ކަމަށް ބުނެފައި ވަނިކޮށް އިސްލާމިކް މިނިސްޓްރީން އައްޑޫގައި ފިތުރު ޒަކާތް ބަލައި ގަންނަން ފަށައިފި އެވެ.
އެ މިނިސްޓްރީން ބުނީ މިއަދުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:15-1:30 ވަންދެން ޒަކާތް ބަލައިގަންނަމުން ގެންދާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ އައްޑޫން ޒަކާތް ބަލައިގަތުމުގެ ކަންކަން ހަމަޖައްސާފައި ވަނީ ހިތަދޫގައި ހުންނަ އިސްލާމިކް މިނިސްޓްރީގެ ޔުނިޓުގެ މުވައްޒަފުންނާއި ވަގުތީ މުވައްޒަފުން ނަގައިގެން ކަމަށެވެ.
* އައްޑޫގައި ޒަކާތް ބަލައިގަންނަ ތަންތަން:
- ހިތަދޫ:އިސްލާމިކް މިނިސްޓްރީ އާއި އައްޑޫ ސިޓީ ޔުނިޓް
- މަރަދޫ: މަރަދޫފޭދޫ، ތަދްރީސުލް ޤުރުއާން
- ފޭދޫ: ލޭންޑް ބިލްޑިން އެންޑް މުނިސިޕަލް ސާވިސް ޑިޕާޓްމަންޓް
- ހުޅުދޫ: ލޭންޑް ބިލްޑިން އެންޑް މުނިސިޕަލް ސާވިސް ޑިޕާޓްމަންޓް
- މީދޫ: ފެނަކަ ކޯޕަރޭޝަން
މިނިސްޓްރީން ބުނީ އިއުލާނެއްގައި ބުނީ އައްޑޫގައި ފަގީރުންގެ ލިސްޓުގައި ނަން ނޯޓް ކުރުމުގެ ފުރުސަތު ވެސް މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން އައްޑޫގެ ފަސް ރަށަކުން އެ އިންތިޒާމުތައް ހަމަޖައްސާފައި ވާނެ ކަމަށް ބުންޏެވެ.
ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ.
ޒަކާތް ނެރެން ޖެހެނީ އެ މީހަކު އާއްމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތުންނެވެ. ރަސްމީކޮށް ޒަކާތް ބަލައި ގަތުމަށް ހަމަޖައްސާފައި ވަނީ 2.4 ކިލޯ ހަނޑުލުގެ އަގަށްވާ ފައިސާއިންނެވެ.
އައްޑޫގައި ޒަކާތް ދައްކާނީ އާދައިގެ ހަނޑުލުން ނަމަ މީހަކަށް 20ރ. ތައިލެންޑް ހަނޑުލުން ނަމަ މީހަކަށް 65ރ. އަދި ބާސްމަތީ ހަނޑުލުން ނަމަ މީހަކަށް 75ރ.ގެ މަގުންނެވެ.
ދިރާގާއި އުރީދޫގެ ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށްނާއި ބީއެމްއެލްގެ ވެބްސައިޓުން އަދި އިސްލާމިކް ބޭންކުގެ ކަސްޓަމަރުންނަށް ވެސް އިންޓަނެޓް ބޭންކް މެދުވެރިކޮށް ޒަކާތް ދެއްކޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.