ގޯދިއްޔާ ފުޓްސަލް މުބާރާތުގައި މިރޭ ކުޅުނު ފުރަތަމަ މެޗްގައި ސ.މަރަދޫ މާކަރީ ޔުނައިޓެޑްގެ ބަލިކޮށް ސައުތް ބްލޫސް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
މަރަދޫ ވެންބޮޅޮފިށި ސްޓޭޑިއަމްގައި ކުޅުނު މިމެޗް ސައުތް ބްލޫސް އިން ކާމިޔާބު ކުރީ 1-2 އިންނެވެ.

މިރޭގެ މެޗް ފަށައިގެން ރަނގަޅަށް ކުޅެފައި ވަނީ މާކަރީ ޔުނައިޓެޑުންނެވެ. އެގޮތުން އެޓީމުގެ އަބްދުﷲ އާނިޝް ވަނީ ލަނޑެއް ޖަހައި އެޓީމަށް ލީޑު ނަގައިދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ މާކަރީ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
ނަމަވެސް ދެވަނަ ހާފު ފަށައިގެން ސައުތް ބްލޫސް އިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް މާކަރީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރަން ފަށާފައެވެ. ދެވަނަ ހާފު ފަށައިގެން މާ ގިނައިރުތަކެއް ނުވެ ސައުތް ބްލޫސްގެ އަދްލީ އަހުމަދު ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
މި މެޗުން ސައުތް ބްލޫސް މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން ރަފީޢު އެވެ.
މިރޭގެ މެޗަކީ މުބާރާތުގައި މާކަރީ ޔުނައިޓެޑް ކުޅުނު ދެވަނަ މެޗެެވެ. މީގެ ކުރިން ކުޅުނު މެޗުން ބަލިވެފައިވާ މާކަރީ ޔުނައިޓެޑް އޮތީ ގްރޫޕް ޑީގެ އެންމެ ފުލުގައެވެ.
މި ގްރޫޕްގައި ދެން ހިމެނޭ ޓީމުތަކަށް ބަލާއިރު ފްރެންޑްސް ކްލަބް، ޒެފިއަރ އަދި ސައުތް ބްލޫސް އިން ވެސް ވަނީ ތިން ޕޮއިންޓް ހޯދާފައެވެ. ފައިދާ ގޯލުގެ ތަފާތުން ގްރޫޕުގެ އެއްވަނަ ލިބެނީ ފްރެންޑްސް ކްލަބަށެވެ. ދެވަނައިގައި ޒެފިއާ އޮތް އިރު 3 ވަނައިގައި އޮތީ ސައުތް ބްލޫސްއެވެ.
4 ވަނައިގައި އޮތީ ލޮނޮ އެފްސީ އެވެ. އެ ޓީމު މުބާރާތުގައި ކުޅުނު ފުރަތަމަ މެޗްގައި ޒެފިއާ އަތުން ވަނީ 1-3 އިން ބަލިވެފައެވެ.