ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ގްރޫޕް އޭ ގައި ކަޒިންސް އެފްސީ އާއި ދެކޮޅަށް ކުޅުނު މެޗް ފަސޭހަކަމާއި އެކު ކާމިޔާބުކޮށް އެފްސީ ހަބޭސް އިން ގްރޫޕްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.
މިރޭގެ މެޗް ހަބޭސް އިން ކާމިޔާބު ކުރީ 1-5 އިންނެވެ.
ފާއިތުވި 2 އަހަރުގެ ޗެމްޕިއަން ހަބޭސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ 2 ލަނޑު ކާމިޔާބުކޮށްފައެވެ. ދެވަނަ ހާފު ފަށައިގެން އިތުރު ގޯލެއް ޖަހައި ހަބޭސް އިން އެޓީމުގެ ލީޑު ފުޅާކޮށްފައި ވަނިކޮށް ކަޒިންސް އެފްސީއަށް ސުން ކަނޑުވާލަދިނީ އެ ޓީމުގެ އަހްމަދް ހުސައިނެވެ.
ކަޒިންސް އެފްސީގެ ގޯލަށް ފަހު ގިނަ އިރުތަކެއް ނުވެ ހަބޭސް އިން ވަނީ އިތުރު ދެ ލަނޑު ޖަހައި އެ ޓީމުގެ ލީޑް ފުޅާކޮށްފައެވެ.
މިރޭގެ މެޗްގައި ހަބޭސްގެ ހާރޫން އިބްރާހިމް އާއި އިބްރާހިމް ހަމްދާން ވަނީ ކޮންމެ ކުޅުންތެރިޔަކު 2 ގޯލް ކާމިޔާބުކޮށްފައެވެ. ހަބޭސްގެ 5 ވަނަ ގޯލް ކާމިޔާބުކޮށްދިނީ މުހައްމަދު އަޔާޒެވެ.
ގްރޫޕް އޭގެ އެއްވަނައިގައި 6 ޕޮއިންޓާއި އެކު އޮތީ އެފްސީ ހަބޭސް އެވެ.
ކަޒިންސް އެފްސީ އާއި ވެލާ ޕްރައިވެޓް އައިލެންޑަށް ވެސް 3 ޕޮއިންޓް ލިބިފައިވާއިރު، ގޯލުގެ ތަފާތުން 2 ވަނަ ލިބެނީ ވެލާ ޕްރައިވެޓް އައިލެންޑަށެވެ. މި ގްރޫޕްގައި ދެން ހިމެނޭ އެސްއެމްޓީ އާއި ކްލަބް މަރަދޫ އަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.