ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ގްރޫޕް ބީގައި މިރޭ ކުޅުނު މެޗް ފަސޭހަ ކަމާއި އެކު ކްލަބް ވީއެޗުން ކާމިޔާބުކޮށްފިއެވެ.
މަލްޓި ޖީނިއަސް ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗް ކްލަބް ވީއެޗުން ކާމިޔާބު ކުރީ 0-5 އިންނެވެ.
މިރޭގެ މެޗްގެ ފުރަތަމަ ހާފުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެ ހާފް ނިމުނީ 0-1 އިން ވީއެޗް ކުރީގައި އޮވެގެންނެވެ.
މެޗްގެ 2 ވަނަ ހާފު ފަށައިގެން ކްލަބް ވީއެޗުން ވަނީ މެޗްގެ ކޮންޓްރޯލް އަތުލައި މަލްޓި ޖީނިއަސް ސިޓީގެ ގޯލަށް ނުރައްކާ ކުރަން ފަށާފައެވެ. މެޗްގެ ކޮންޓްރޯލް މަލްޓި ޖީނިއަސް އަށް ގެއްލުނީ އެޓީމުގެ އިބްރާހިމް ޝާހިދު(ގިޓާ)އަށް ރަތްކާޑު ދެއްކި ހިސާބުންނެވެ.
އެއް ކުޅުންތެރިޔަކު މަދުން ކުޅެމުން ދިޔަ މަލްޓި ޖީނިއަސް ސިޓީގެ ކޮޅަށް ދެވަނަ ހާފުގައި ކްލަބް ވީއެޗުން ވަނީ ހަތަރު ލަނޑު ޖަހާފައެވެ.
މިރޭގެ މެޗްގައި ކްލަބް ވީއެޗްގެ ހަސަން އަދުހަމް އާއި މުހައްމަދު އިމްރާން ކޮންމެ ކުޅުންތެރިޔަކު 2 ގޯލް ކާމިޔާބުކޮށްފައިވާއިރު އެޓީމުގެ އަނެއް ލަނޑު ކާމިޔާބު ކުރީ ހުސައިން ޝަރީފެވެ.

މިމެޗްގެ ނަތީޖާ އާއި އެކު ގްރޫޕް ބީގެ އެއްވަނައިގައި 6 ޕޮއިންޓާއި އެކު އޮތީ ކްލަބް ވީއެޗެވެ. މަލްޓި ޖީނިއަސް ސިޓީ އާއި ނިއުއެމްއެފްސީ އަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު ގޯލުގެ ތަފާތުން 2 ވަނަ ލިބެނީ ނިއުއެމްއެފްސީ އަށެވެ.
މި ގްރޫޕްގައި ހިމެނޭ އެފްއާރްޓީ އާއި އެފްސީ އަފިރިން އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.