ގޯދިއްޔާ ފުޓްސަލް މުބާރާތުގައި މިރޭ ކުޅުނު ދެވަނަ މެޗް ފަސޭހަކަމާއި އެކު ފްރެންޑްސް ކްލަބުން ކާމިޔާބުކޮށްފިއެވެ.
މަރަދޫ ވެންބޮޅޮފިށި ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ހިތަދޫ ޒެފިޔާ އާއި ވާދަކޮށް ފްރެންޑްސް ކްލަބް މޮޅުވީ 2-7 އިންނެވެ.
މެޗްގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ހާފު ނިމުނީ 1-1 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
ފްރެންޑްސް ކްލަބުގެ ފަރާތުން 2 ވަނަ ހާފުގައި މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި ހާފުގައި އެ ޓީމުން ވަނީ ޒެފިޔާ ކޮޅަށް 6 ލަނޑު ޖަހާފައެވެ. ފްރެންޑްސް ކްލަބުން މުޅި މެޗް ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް ޒެފިޔާ އިން ވެސް ވަނީ މިހާފުގައި ލަނޑެއް ޖަހާފައެވެ.
މިރޭގެ މެޗްގައި ފްރެންޑްސް ކްލަބްގެ އިބްރާހިމް މުބީން ވަނީ 3 ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. އެ ޓީމުގެ މުހައްމަދު ރިއްފަތު 2 ލަނޑު ޖަހާފައިވާއިރު ހުސައިން ޝަނީއު އާއި ރިހާމް އަބްދުލްޢަނީ، ކޮންމެ ކުޅުންތެރިޔަކު ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ.
މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފްރެންޑްސް ކްލަބްގެ ޖާޒީ ނަންބަރު 7 އިބްރާހިމް މުބީނެވެ.