Last Updated: November 24, 13:27
Sunday, November 24, 2024
ޚަބަރު

ކޮތަޅު ޖަހާފައި ހުރީކީ ނޫން، އޭސީ ނައްޓާފައި ހުރީ: އެޗްއާރްއެޗް

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގެ އިމަޖެންސީ ރޫމްގެ ސީލިންގުން ލީކްވާތީ ޑަސްބިން ކޮތަޅު ޖަހާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ފޮޓޯއަކީ ފެން ލީކްވާތީ ޖަހާފައިވާ އެއްޗެއް ނޫން ކަމަށް ހޮސްޕިޓަލުން ބުނެފި އެވެ.

އެތަނުގެ އޮފިޝަލަކު ވިދާޅުވީ ކަޅު ކުލައިގެ ރަބަރުގަނޑެއް ޖަހާފައިވާ ތަނަކީ އޭސީ މަރާމާތަށް ނައްޓާފައިވާތީ، އޭސީ ޔުނިޓް ގޮޅި ވަގުތީ ގޮތުން ބަންދު ކުރަން ޖަހާފައިވާ ހުރި ރަބަރުގަނޑެއް ކަމަށެވެ.

"އެއީ އެއްގޮތަކަށް ވެސް ފެން ލީކްވާތީ އެކަން ކޮންޓްރޯލް ކުރަން ޖަހާފައި ހުރި އެއްޗެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭސީ ޔުނިޓް މަރާމާތުކޮށް ނިމުނުހާ އަވަހަކަށް، އޭސީ ހަރު އަލުން ހަރު ކުރާނެ ކަމަށެވެ.

ހިތަދޫ ހޮސްޕިޓަލަކީ ވާރޭ ވެހޭ ނަމަ ސީލންގުން އާންމުކޮށް ފެން ލީކްވާ މައްސަލަ ދިމާވާ ތަނެކެވެ. އަދި އިމާރާތް ބާވުމުން ތަފާތު ދަތިތައް ކުރިމަތިވެފައިވެ އެވެ.

މިދިޔަ އަހަރު ވޯޑެއްގެ ސީލިންގުން ބައެއް ވޯޑްގައި އޮތް މީހެއްގެ ބޮލަށް ވެއްޓިފައިވެ އެވެ.

ހިތަދޫ ހޮސްޕިޓަލްގެ އިމާރާތަށް ދިމާވެފައިވާ ދަތިތަކުގެ ވާހަކަ ދާދި ފަހުން އެތަނުން ވަނީ ހެލްތު މިނިސްޓްރީއާ ވެސް ހިއްސާކޮށްފަ އެވެ.