އައްޑޫގައި މިހާތަނަށް ބޭއްވި ފުޓްސަލް މުބާރާތްތަކުގައި ބޮޑަށް ފާހަގަވެގެން ގޮސްފައި ވަނީ ރަށްތަކުގެ ވާދަވެރިކަމެވެ. އެހެން ނަމަވެސް މިއަހަރުގެ ގޯދިއްޔާ ފުޓްސަލް މުބާރާތުގައި އެއް ރަށަކަށް ނިސްބަތްވާ ޓީމުތަކުގެ ވާދަވެރިކަން ވެސް ފެނިގެންދާނެއެވެ.
އެގޮތުން ގޯދިއްޔާ ފުޓްސަލް މުބާރާތުގެ 18 ވަނަ މެޗްގައި މިރޭ ކުޅޭނީ މަރަދޫފޭދޫ އަށް ނިސްބަތްވާ 2 ޓީމު ކަމަށްވާ ނިއު އެމްއެފްސީ އާއި އެފްސީ އަފިރިންއެވެ.
މުބާރާތުގައި މިހާތަނަށް ޕޮއިންޓެއް ލިބިފައި ނުވާ އެފްސީ އަފިރިންގެ މެނޭޖަރ އަބްދުލް ޤާދިރު ބުނި ގޮތުގައި އެ ޓީމުން މިރޭ ނިކުންނާނީ މޮޅު ކުޅުމެއް ކުޅެ މެޗު ކާމިޔާބުކުރުމަށް ކަމަށެވެ.
އަބްދުލް ޤާދިރް ބުނި ގޮތުގައި މަރަދޫފޭދޫއަށް ނިސްބަތްވާ 2 ޓީމު ވާދަކުރާއިރު، މެޗް ފޯރިގަދަ ވެގެންދާނެ ކަމަށާއި ސަޕޯޓަރުން ބަލާ ހިތްވާ ކަހަލަ ކުޅުމެއް ފެނިގެންދާނެ ކަމަށެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ނިއު އެމްއެފްސީގެ އޮފިޝަލަކު ބުނީ، މުބާރާތުގައި ކުޅުނު ފުރަތަމަ މެޗްގެ ނަތީޖާ އާއި އެކު ޓީމުގެ ކޮންފިޑެންސް އިތުރުވެފައިވާ ކަމަށެވެ.
މުބާރާތުގައި ނިއު އެމްއެފްސީ އިން ކުޅުނު ފުރަތަމަ މެޗްގައި ފޭދޫ އެފްއާރްޓީ ކޮޅަށް ވަނީ 5 ލަނޑު ޖަހާފައެވެ.
"ފުރަތަމަ މެޗްގެ ނަތީޖާ އާއި އެކު ޓީމުގެ ކޮންފިޑެންސް އިތުރުވެއްޖެ. ނަމަވެސް މިރޭގެ މެޗަށް ނިކުންނާނީ އޯވާކޮންފިޑެންސް ނުވެ މޮޅުވާން"
މަރަދޫ ވެންބޮޅޮފިށި ސްޓޭޑިއަމްގައި، މަރަދޫފޭދޫއަށް ނިސްބަތްވާ ނިއުއެމްއެފްސީ އާއި އެފްސީ އަފިރިން ބައްދަލުކުރާ މެޗް ފަށާނީ މިރޭ 09:30 ގައެވެ.