އަނިލް ކަޕޫރާއި އައިޝްވާރިއާ ރާއީ ވަނީ މީގެ ކުރިން ވެސް އެކުގައި ދެ ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ ތާލް (1999) އާއި ހަމާރާ ދިލް އާޕް ކޭ ޕާސް ހޭ (2000) ގަ އެވެ.
އެ ދެ ފިލްމަށް މި ފަހު މި ޖޯޑު އެކުގައި ސްކްރީނުން ފެނިފައެއް ނުވެ އެވެ. އެކަމަކު އަނިލް އާއި އޭޝްގެ ކެމިސްޓްރީވެގެން ދިޔައީ ކުރީގެ ދެ ފިލްމުން ވަރަށް ކަމުދިޔަ ކެމިސްޓްރީއަކަށެވެ.
އަހަރުތަކެއް ފަހުން މި ދެ ތަރިން މިހާރު އަންނަނީ އެކުގައި ފިލްމެއް ކުޅެން ތައްޔާރުވަމުންނެވެ.
އެއީ އޯމް ޕްރަކާޝް މެހެރާގެ "ފެނޭ ހާން" އެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ އަތުލް މަންޖްރޭކަރް އެވެ.
މިދިޔަ އަހަރު ފިލްމުގެ ފަސްޓްލުކް ވެސް އަނިލްއާ އެކު ދައްކައިލި ނަމަވެސް، ފިލްމުގެ ބަތަލާއަކީ ކާކު ކަމެއް އިއުލާނެއް ނުކުރެ އެވެ.
އެހެން ޓީ ސީރީޒާއި ކްރިއާޖް އެންޓަޓައިންމަންޓް ގުޅިގެން އުފައްދާ "ފެނޭ ހާން" އަށް މިހާރު އޭޝް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ފިލްމާ ބެހޭ ގޮތުން ޓީ ސީރީޒްގެ ވެރިޔާ ބުޝަން ކުމާރު ބުނީ "ފެނޭ ހާން" އަކީ ވަރަށް ވަރުގަދަ ސްކްރިޕްޓަކަށް ހަދާ ފިލްމެއް ކަމަށެވެ. މީގެ ޝޫޓިން ފަށާނީ މި އަހަރުގެ ފަހުކޮޅު އެވެ.
ކްރިއާޖުން ވާހަކަ ދެއްކި ވިރިންދްރަ އަރޯރާ ބުނީ އަނިލް އާއި އޭޝްގެ ޖޯޑު އަލުން ސްކްރީނަށް ގެނެސް ވަރުގަދަ ޖާދޫއެއް ދައްކައި ލެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.
"ފެނޭ ހާން" ރިލީޒް ކުރާނީ އަންނަ އަހަރު އެވެ.