ގޯދިއްޔާ ފުޓްސަލް މުބާރާތުގެ 18 ވަނަ މެޗްގައި މިރޭ މަރަދޫފޭދޫގެ ދެ ޓީމު ކަމަށްވާ އެފްސީ އަފިރިން އާއި ނިއު އެމްއެފްސީގެ ކުރިމަތިލުން އެފްސީ އަފިރިން އިން ކާމިޔާބުކޮށްފި އެވެ.
މަރަދޫ ވެންބޮޅޮފިށި ސްޓޭޑިއަމްގައި ކުޅުނު އެ މެޗު އެފްސީ އަފިރިން އިން ކާމިޔާބުކުރީ 0-4 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާ އަކަށް ހޮވުނީ އެފްސީ އަފިރިންގެ ޖާޒީ ނަންބަރު 11 އަބްދުﷲ ޝިފާޒެވެ. އޭނާ ވަނީ މި މެޗްގައި އެފްސީ އަފިރިން އަށް 2 ލަނޑު ޖަހައިދީފައެވެ.
މި މެޗްގައި އެފްސީ އަފިރިންގެ އިސްމާއިލް އަޒީމް އާއި މުއްދައްސިރް އަބްދުﷲ ކޮންމެ ކުޅުންތެރިއަކު ވެސް ވަނީ ލަނޑެއް ޖަހާފައެވެ.
މި ނަތީޖާއާއެކު ގްރޫޕް ބީގެ ވާދަވެރިކަން ވަނީ އިތުރުވެގެން ގޮސްފައެވެ. ގްރޫޕް ބީ ގައި ހިމެނޭ ކޮންމެ ޓީމަކުން ވެސް 2 މެޗް ކުޅެފައިވާއިރު 6 ޕޮއިންޓާއި އެކު ގްރޫޕްގެ އެއްވަނައިގައި އޮތީ ކްލަބް ވީއެޗެވެ.
ދެން މި ގްރޫޕްގައި ހިމެނޭ ނިއު އެމްއެފްސީ، އެފްސީ އަފިރިން އަދި މަލްޓި ޖީނިއަސް ސިޓީއަށް ވެސް ވަނީ 3 ޕޮއިންޓް ލިބިފައެވެ. އެހެން ނަމަވެސް ލަނޑުގެ ތަފާތުން 2 ވަނަ ލިބެނީ، ނިއު އެމްއެފްސީ އަށެވެ. 3 ވަނަ މަލްޓި ޖީނިއަސް އަށް ލިބޭއިރު އެފްސީ އަފިރިން އަށް ލިބެނީ 4 ވަނަ އެވެ. މި ގްރޫޕްގައި ދެން ހިމެނޭ ފޭދޫ އެފްއާރްޓީއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.