Last Updated: September 21, 11:55
Saturday, September 21, 2024
ޚަބަރު

ތިން މީހަކު ދަތުރު ކުރި ޑިންގީއެއް ބަންޑުން ޖަހާލައިފި

އައްޑޫގައި ތިން މީހަކު ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ.

ފުލުހުންގެ އައްޑޫ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޖަމްޝީދު އަލީ ވިދާޅުވީ ޑިންގީއެއް ބަންޑުން ޖަހާލި ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި އެވަގުތު ޑިންގީގައި ތިބީ 3 މީހުން ކަމަށާއި އެންމެން ވެސް ސަލާމަތްވެފައިވާ ކަމަށެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ 22:45 އެހާކަށް ހާއިރު ބަންޑުން ޖަހާލި ޑިންގީން ދަތުރުކުރި ތިން މީހުން ވެސް ވަނީ ފަތާފައި ޝަންގްރިއްލާ ރިސޯޓަށް އަރާފައެވެ.

މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ސ.ގަމާއި ދިމާލަށް ބަންޑުން ޖަހާލި ޑިންގީ ވަނީ އަޑިއަށް ގޮސްފައެވެ. މި ޑިންގީ އިން ދަތުރު ކުރި 3 މީހުންގެ ތެރޭގައި ހިމެނެނީ ހިތަދޫ 2 މީހަކާއި މަރަދޫ މީހެކެވެ.

މި ޑިންގީ ބަންޑުން ޖަހާލީ ހިސާބަކީ، މިދިޔަ އާދީއްތަ ދުވަހު ޑިންގީ އެއް ބަންޑުން ޖަހާލައި މީހަކު ގެއްލުނު ހިސާބެވެ.