Last Updated: March 12, 17:25
Wednesday, March 12, 2025
ޚަބަރު

ކަޒިންސް އެފްސީ އަތުން ބަލިވެ ކްލަބް މަރަދޫ ކަޓައިފި

ކަޒިންސް އެފްސީގެ ޓީމް. ފޮޓޯ: އިބްރާހިމް އަބްދުﷲ/އައްޑޫލައިވް

ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ގްރޫޕް އޭގައި ކަޒިންސް އެފްސީ އާއި ބައްދަލުކުރި މެޗުން 0-3 އިން ބަލިވެ ކްލަބް މަރަދޫ މުބާރާތުން ކަޓައިފިއެވެ.

އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވާ ކްލަބް މަރަދޫ މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ރަގަޅު ކުޅުމެއް ދެއްކިއެވެ. އެގޮތުން އެޓީމަށް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނު ނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

މެޗްގެ ދެވަނަ ހާފް ފަށައިގެން ކަޒިންސް އެފްސީ އިން ވަނީ ޓީމުގެ ކުޅުން ރަނގަޅުކޮށް ކްލަބް މަރަދޫގެ ގޯލަށް ނުރައްކާ ކުރަން ފަށާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފަށައިގެން ކުޑައިރުކޮޅެއްގެ ތެރޭގައި އެޓީމުން ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ.


ކަޒިންސް އެފްސީގެ ގޯލަށް ފަހު މުޅި 2 ވަނަ ހާފް ޑޮމިނޭޓްކޮށްގެން ކުޅުމުގެ ނަތީޖާއަކަށްވީ އަނެއްކާވެސް ގާތްގާތުގައި 2 ލަނޑު ޖަހައި އެޓީމުގެ ލީޑު ފުޅާކުރުމެވެ.

މިރޭގެ މެޗްގައި ކަޒިންސް އެފްސީގެ ގޯލްތައް ޖަހާފައި ވަނީ އަހްމަދް ހުސައިން، ހަސަން ފަވާޒް އަދި މުހައްމަދު ސަނީމެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކަޒިންސް އެފްސީގެ ހަސަން ފަވާޒެވެ.

މިރޭގެ މެޗްގެ މޮޅުކުޅުންތެރިޔަކަށް ހޮވުނު ފަވާޒް. ފޮޓޯ: އިބްރާހިމް އަބްދުﷲ/އައްޑޫލައިވް

ގްރޫޕް އޭގެ ޕޮއިންޓް ޓޭބަލަށް ބަލާއިރު އެފްސީ ހަބޭސް، ވެލާ ޕްރައިވެޓް އައިލޭންޑް އަދި ކަޒިންސް އެފްސީއަށް ވެސް ވަނީ 6 ޕޮއިންޓް ލިބިފައެވެ. ގޯލުގެ ތަފާތުން ގްރޫޕްގެ އެއްވަނަ އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ހަބޭސް އަށް ލިބޭއިރު ދެވަނަ ލިބެނީ ވެލާ ޕްރައިވެޓް އައިލޭންޑަށެވެ. އެއް މެޗް އިތުރަށް ކުޅެފައިވާ ކަޒިންސް އެފްސީ އަށް ލިބެނީ ތިން ވަނައެވެ.

މި ގްރޫޕްގައި ކަޒިންސް އެފްސީ ކުޅޭ ފަހު މެޗުގައި ވާދަކުރާނީ ވެލާ ޕްރައިވެޓް އައިލޭންޑް ރިސޯޓާއި އެވެ.