ރަތް ފިޔައޭ ބުނީމާ ހައިރާން ވާނެ ކަމެއް ނެތެވެ. އެއީ އާންމުކޮށް ދިވެހިން މި ބޭނުން ކުރާ ކުލަ ގަދަ ފިޔަ އެވެ. އެއީ ދިވެހިންގެ ކެއުމުގައި ވަރަށް އާންމު ބާވަތެކެވެ.
ރިހަ ކައްކަންށާއި ސަޓަންނާއި ތަފާތު ވައްތަރުގެ ހެދިކާތައް ވެސް ފިޔާ ކޮންމެހެން ބޭނުން ވާނެ އެވެ. މީގައި މުހިއްމު ކަމަކީ ރަތް ފިޔާ ގިނައިން ބޭނުން ކުރި ވަރަކަށް ސިއްހީ ފައިދާތައް ބޮޑު ކަމެވެ. ހާއްސަކޮށް ރަތްކަން ގަދަ ފިޔާ އެެވެ.
ފަހުގެ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ރަތް ފިޔާގައި އެކުލެވޭ މާއްދާތަކުން އުރަމައްޗާއި ކޮލޯން ކެންސަރުން ރައްކާތެރިކޮށް ދެ އެވެ.
ކެނެޑާގެ ޔުނިވަސިޓީ އޮފް ގުއެލްފުން ހެދި ދިރާސާއެއްގައި ބުނެފައި ވަނީ ކެންސަރަށް މަގުފަހިކޮށްދޭ ސެލްތައް މަރާލުމުގައި ރަތް ފިޔާ ވަރަށް މުހިއްމު ދައުރެއް އަދާ ކުރާ ކަމަށެވެ.
އެ ދިރާސާގައި ބުނެފައި ވަނީ ރަތް ފިޔާގައި ވަރަށް ގިނަ އަދަދަކަށް ކްއެސާޓިން ކިޔާ މާއްދާއެއް އެކުލެވޭ ކަމަށާއި އެއީ އެލަޖިކްވުން ފަދަ ކަންކަމުން ވެސް ދުރުކޮށްދޭ މާއްދާއެއް ކަމަށެވެ.
އެހެންވެ ކެއުމުގެ ތެރޭގައި ރަތް ފިޔާ ވީހާ ވެސް ގިނައިން ބޭނުން ކުރެވޭތޯ ބެލުމަކީ ދުޅަހެޔޮ ސިއްހަތަކަށް ބާރު އަޅައި ދޭނެ ކަމެކެވެ.