މި މަހުގެ ތެރޭގައި ވިލާ އެއާގެ ފްލައިމީން އައްޑު އާއި ފުވައްމުލަކަށް ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަ އިރު، އެކަމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ލިބެން ޖެހޭ ހުއްދަ ނުދިން ކަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތައް ފްލައިމީން ދޮގުކޮށްފި އެވެ.
އެ އެއާލައިންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރާއްޖޭގެ އެންމެ ދެކުނަށް ފަސާ ދަތުރުތަކާ ގުޅޭ ގޮތުން ކުރަން ޖެހޭ ކަންކަން ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
އެގޮތުން ގަން އެއާޕޯޓާއި ފުވައްމުލަކު އެއާޕޯޓާ މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"އެއްވެސް ދިމާލަކުން މިކަން ނުކުރެވޭ ކަހަލަ އިޝާރާތެއް މިހާތަނަކަށް އަޅުގަޑުމެންނާ ހަމައަކަށް އައިސްފައެއް ނެތް. އަޅުގަނޑުމެން މި އަންނަނީ މިކަން ފެށުމަށް ވަރަށް ބޮޑަށް ތައްޔާރުވަމުން. އެކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ ކަންކަން ކުރަމުން،" އޭނާ ވިދާޅުވި އެވެ.
ފްލައިމީގެ ޓާގެޓަކީ ލަސްވެގެން މި މަހުގެ 15 ގައި އައްޑު އާއި ފުވައްމުލަކަށް ދަތުރުތައް ފެށުމެވެ.
"އެކަމަކު އެއަށް ވުރެ އަވަހަށް ވެސް ދަތުރުތައް ފަށަން އަޅުގަނޑުމެން ބޭނުން ވަނީ،" އޮފިޝަލް ވިދާޅުވި އެވެ.
ފްލައިމީން ބުނީ ޓިކެޓް ވިއްކާގެ އަގުތަކާ އެއްޗެހި މި ހަފުތާގެ ތެރޭގައި ރަސްމީކޮށް އިއުލާން ވެސް ކުރާނެ ކަމަށެވެ.
"އެއާޕޯޓްތަކާ އެކު ނެގޯޝިއޭޓްކޮށް ނިމުނުހާ އަވަހަކަށް އަޅުގަނޑުމެން ޓިކެޓިން ކަންތައް ކުރިއަށް ގެންދާނެ ގޮތް މީޑިއާތައް ތުރޫކޮށް ޕަބްލިސައިޒް ކުރާނަން،" އޮފިޝަލް ވިދާޅުވި އެވެ.
ފްލައިމީން 2013 ވަނަ އަހަރު އައްޑު އާއި ފުވައްމުލަކަށް ފެށި ދަތުރުތައް ހުއްޓާލީ 2015 ގަ އެވެ.
އެ އެއާލައިނުން ދަތުރު ކުރި އިރު، ހިދުމަތުގެ އަގަށް ވަރަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.
އެހެންވެ ފްލައިމީން އަލުން އައްޑު އާއި ފުވައްމުލަކަށް އުދުހޭކަން އިއުލާން ކުރުމާ އެކު، މި ސަރަހައްދުގެ ގިނަ ބަޔަކަށް ވަނީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފަ އެވެ.
މިހާރު ގަމަށް ޑޮމެސްޓިކް ދަތުރުތައް ކުރަނީ ގައުމީ އެއާލައިން މޯލްޑިވިއަނުންނެވެ.