ފިލްމެއް ޕްލޮޕްވުމަކުން ކަންބޮޑު ނުވާ ކަމަށާއި ބޭނުން ވަނީ ހިތްވަރާ އެކު ކުރިއަށްދާ ކަމަށް ޒުވާން އެކްޓަރު ސުޝާންތު ސިންގް ރާޖްޕުޓް ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި އޭނާގެ އެންމެ ފަހުގެ ފިލްމް "ރާބްތާ" އަށް ހީކުރި ވަރާ ގާތަށް ވެސް ނުހިނގާތީ، އެ ފިލްމް ފްލޮޕްވާނެކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.
"މީގައި އޮންނާނެ ގޮތަކީ ބެލުންތެރިންނަށް ފިލްމް ކަމުދިޔުމާއި ނުދިއުން. އެހެންވެ ފިލްމެއް ޕްލޮޕްވުމަކީ އަހަރެން އެހާ ކަންބޮޑުވެ، ބިރު ގަންނަ ކަމެއް ނޫން،" މިދިޔަ އަހަރު ނިކުތް ކާމިޔާބު ފިލްމް "އެމްއެސް ދޯނީ" ގެ އެކްޓަރު ބުންޏެވެ.
ސުޝާންތު އަދި ބުނީ އޭނާއަކީ ހަޔާތުގައި މިހާތަނަށް އެކި ކަހަލަ ތަޖުރިބާތަކެއް ކުރި މީހެއް ކަމަށެވެ.
"އިންޖިނިއަރިން ކިޔަވަމުން ގޮސް ވަކި ހިސާބުކަން އެކަން ވެސް ހުއްޓާލައި ފަހުން ތިއޭޓަޕްލޭތަކުގައި އެކްޓް ކުރަން ފެށީ،" ޒީ ޓީވީގެ ޑްރާމާ ސިލްސިލާ "ޕަވިތުރަ ރިޝްތާ" އިން ބޮޑު މަގުބޫލް ކަމެއް ހޯދި އެކްޓަރު ބުންޏެވެ.
އޭނާ ފިލްމް ކުޅެން ފެށީ އެ ސިލްސިލާ ކުޅުން ހުއްޓާލުމަށް ފަހު އެވެ. ސުޝާންތުގެ ފުރަތަމަ ފިލްމަކީ 2013 ގައި ރިލީޒް ކުރި "ކައި ޕޯ ޗޭ" އެވެ.
އޭގެ ފަހުން އޭނާ ކުޅުނު ފިލްމްތަކުގެ ތެރޭގައި "ޝްދަ ދޭސީ ރޮމޭންސް"، "ބިއޮމްކޭޝް ބަކްޝީ" އަދި "ޕީކޭ" ހިމެނެ އެވެ.
ސުޝާންތުގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ޑްރައިވް" އާއި "ރޯ" އަދި "ޗަންދާ މާމާ ދޫރް ކޭ" ފާހަގަކޮށްލެވެ އެވެ.