ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ގްރޫޕް އޭގެ ފަހު މެޗް މިރޭ ކުޅޭއިރު، އެ މެޗަށް ފަހު މި ގްރޫޕް އިން ކުއާޓާގެ ޖާގަ ހޯދާނެ ޓީމުތައް ކަށަވަރުވެގެންދާނެއެވެ.
ގްރޫޕްގެ ޕޮއިންޓް ޓޭބަލް މިހާރު އޮތް ގޮތަށް ބަލާއިރު 9 ޕޮއިންޓާއި، ފާއިދާ 10 ގޯލާއި އެކު އެއްވަނަ ލިބެނީ، ފާއިތުވި 2 އަހަރުގެ ޗެމްޕިއަން އެފްސީ ހަބޭސް އަށެވެ. ދެވަނައިގައި އޮތް ކަޒިންސް އެފްސީއަށް 9 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމުން މުބާރާތުގައި 6 ގޯލް ޖަހާފައިވާއިރު ބައިކޮޅަށް ވަދެފައި ވަނީ ވެސް 6 ގޯލެވެ. 6 ޕޮއިންޓާއި ފާއިދާ 3 ގޯލާއި އެކު ގްރޫޕްގެ 3 ވަނަ ލިބެނީ ވެލާ ޕްރައިވެޓް އައިލޭންޑަށެވެ.
އެހެން ކަމުން ކުއާޓާގެ ޖާގައެއް ހޯދުމަށް ހަބޭސް ބަލިކުރުން ނޫން ގޮތެއް ވެލާ އަކަށް ނެތެވެ. މި މެޗް އެއްވަރުވެއްޖެ ނަމަ ގްރޫޕްގެ އެއް ވަނަ ހަބޭސް އަށް ލިބޭއިރު، 2 ވަނަ ޓީމުގެ ގޮތުގައި ކުއާޓާގެ ޖާގަ ލިބޭނީ ކަޒިންސް އެފްސީ އަށެވެ.
ނަމަވެސް ވެލާ ޕްރައިވެޓް އައިލޭންޑާއި އެފްސީ ހަބޭސް ކުޅޭ މެޗުން ހަބޭސް ބަލިވެއްޖެ ނަމަ ކަޒިންސް އެފްސީއަށް ކުއާޓާގެ ފުރުސަތު ގެއްލޭނެއެވެ.
ވެލާ ޕްރައިވެޓް އައިލޭންޑާއި އެފްސީ ހަބޭސް ބައްދަލުކުރާ މެޗް ފަށާނީ 10:30 ގައެވެ.