Last Updated: November 23, 20:04
Saturday, November 23, 2024
ޚަބަރު

"ލިބޭ ހުރިހާ ޓެކްހެއް އުނިކޮށްގެން ކައިބޮއިގެން އުޅެނީ ކިހިނެއް؟"

ދައުލަތަށް ލިބޭ ހުރިހާ ޓެކުހެއް އުނިކޮށްގެން ރައްޔިތުން ކައިބޮއި އުޅޭނީ ކިހިނެތްތޯ ފޭދޫ ދާއިރާގެ މަޖިލިސް މެންބަރ އިބްރާހިމް ދީދީ (އައިބީ) ސުވާލު އުފައްދަވައިފިއެވެ.

އައިބީ މިގޮތަށް ވިދާޅުވީ، ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތެލުގެ ބާވަތްތަކުގެ ޑިއުޓީ ސުން ޕަސެންޓަށް ހެދުމަށް ގޮވާލައި އިދިކޮޅު ބައެއް މެންބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

އައިބީ ވިދާޅުވި ގޮތުގައި މަޖިލީހުގެ މެންބަރުންގެ މަޤްސަދަކަށް ވާން ޖެހޭނީ ދޭ ވޯޓަކީ އިޚްލާޞްތެރި ވޯޓަކަށް ހެދުމަށް ކަމަށެވެ. އަދި އެ ވޯޓަކީ، ރައްޔިތުންނަުށް އަނިޔާކުރަން، ގެއްލުމެއް ކުރަން، ލަނޑެއް ދޭން ކަނޑާ އެއްޗަކަށް ވެގެންނެއް ނުވާނެ ކަމަށް އައިބީ ވިދާޅުވިއެވެ.

" ދިވެހިރާއްޖެއަުށް ލިބޭ ހުރިހާ ޓެކްސެއް އުނިކުރަން މާދަމާ ބިލެއް ލާފާނެ މީހަކު. ކިހިނެއްތޯ ޤައުމު ހިންގާނީ؟ ރައްޔިތުން ކައިބޮއިގެން އުޅެނީ ކިހިނެއްތޯ؟ އެ އެއްޗެއްސަކަށް ވޯޓެއް ނުލެވޭނެ،"

އައިބީ ވިދާޅުވި ގޮތުގައި ތެދުވެރިކަމާއި އެއްކޮށް ފައިދާހުރި ކަމަކަށް ވޯޓު ހޯދަންޏާ އެކަމަށް ވޯޓު ދެއްވާނެ ކަމަށެވެ. އެގޮތުން ކޮންމެ ސަރުކާރެއް އޮތަސް، ސިޔާސީ ފިކުރު ކޮންމެ ގޮތަކަުށް ހުއްޓަސް ރައްޔިތުންނަށް ފާއިދާ ހުރި އަދި ރައްޔިތު މީހާ އަތުން ނެގޭ އެއްޗެއް އުނިވާ ކަހަލަ ބިލެއް ވެއްޖެއްޔާ އަޅުގަނޑު އިރާދާކުރެއްވިއްޔާ އެ ބިލަކަށް ވޯޓު ދޭނެ ކަމަށެވެ.