މާލެ އަށް އުފަން އަހްމަދް ހިޝާން އަކީ މިހާރު މުޅި ރާއްޖެ ދަންނަ މޫނެކެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވެ އެކުދިންގެ ހައްޤުތަކަށް އެންމެ ބޮޑަށް އަޑު އުފުލަނީ ހިޝާން އެވެ.
ކުޑައިރުއްސުރެން ފެށިގެން ނުކުޅެދުން ތެރިކަން ހުންނަމީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ލޯތްބެއް އުފެދިފައިވާ ހިޝާންއަކީ ފަރުދީ ގޮތުން އެމީހުންނަށް އެހީވަމުންދާ ހިތްވަރުގަދަ އެފަދަ ދެވަނައެއް ނެތް ފަރާތެކެވެ.
އެންމެ ފުރަތަމަ މުސްކުޅިވެ ގައި ބާރު ދެރަވެ، ހިނގައި ބިނގައި އުޅުމަށް ނުކުޅެދިފައިވާ ފަރާތްތަކަށް އެހީވެ އެމީހުންނާއި އެކީ ވަގުތު ހޭދަކުރުމުގެ ތެރެއިން ފެށިގެންއައި އެހީ ގެއަތް މިވަގުތުވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި އެނޫންވެސް އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނާއި ހަމައަށް ފޯރާފައެވެ.
މީގެ އަހަރުތަކެއް ކުރިން އެހީއަށް ބޭނުންވެ ފައިވާ މީހުންގެ ހައްޤުތަށް ހޯދަން ކުރި ހިމޭން މުޒާހަރާގެ ސަބަބުން ގިނަ މީހުންނަށް އެއީ ކާކުކަން އެގުނަސް އެ ހީމޭން މުޒާހަރާ ވެގެން ދިޔައީ ތަފާތު އެކި ގޮންޖެހުން ތަކެއް ހިޝާންއާއި ކުރިމަތިވި ކަމަކަށެވެ.
އެއް އަހަރާއި ބައި ވަންދެން ކުރި ހިމޭން މުޒާހަރާވެގެން ދިޔައީ މީހުންގެ ރުޅިއާއި ނުރުހުން އިންތިހާއަށް އަމާޒުވެގެން ދިޔަކަމަކަށެވެ. ހިޝާން ވިދާޅުވި ގޮތުގައި އޭރު އޭނަ އަށް ގޮންޖެހުންތަކާއި ކުރިމަތިވިޔަސް މިހާރު އެތަށް ބަޔެއްގެ އެހީ އާއި އެއްބާރުލުން އޭނަ ދަނީ ލިބެމުންނެވެ.
އެންމެންގެ ހިތުގައިވެސް އުފެދޭނެ އެއް ސުވާލަކަށް ވެފައިވަނީ ހިޝާން މި ކަމަށް ފަންޑް ރައިޒް ކުރާ ގޮތެވެ. އެސުވާލަށް ޖަވާބުދެމުން ހިޝާން ވިދާޅުވި ގޮތުން ފަންޑު ރައިޒް ކުރުމަށް އޭނަ އެއްވެސް މަސައްކަތެއް ކުރަމުން ނުދިޔަ ނަމަވެސް އެކަމަށް ހަރަދު ކުރަމުން ދަނީ އަމިއްލަ މުސާރައިންނެވެ.
މީގެ އިތުރުންވެސް ހެޔޮއެދޭ ގިނަފަރާތް ތަކެއްގެ އެހީ އެކަމަށް ލިބެމުން ދާކަން ހިޝާން އުފަލާއެކީ ފާހަނގަ ކުރިއެވެ. އޭގެ ތެރޭގައި އެކުވެރިންނާއި އެހެނިހެން އެހީތެރިކަން ފޯރު ކޮށްދޭން ބޭނުންވާ މީހުން ހިމެނެއެވެ.
މީގެ އިތުރުންވެސް ނޫސްވެރިންގެ ފަރާތުން ގިނައަދަދެއްގެ އެހީތެރިކަން މިހާރު ލިބޭކަން ހިޝާން ފާހަނގަކުރެއެވެ. މިހާރުވެސް ހިޝާން ގެ ބްލޮގް ތަކާއި ޕޭޖްތަށް ހިންގުމާއި މީހުން ހޭލުންތެރި ކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅެނީ ނޫސްވެރިންނެވެ.
ހިޝާންގެ ހުވަފެނަކީ އަތޮޅުތެރޭގައި މިވަގުތުތިބި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި އެހީބޭނުންވެފައި ވާ މީހުންނަށް އެމީހުންގެ ހައްގުތަށް ހޯދައި ދިނުމެވެ.
"އަޅުގަނޑު ރަނގަޅުވީމައެއް ނޫނޭ ކުދިންނަށް ހައްގުލިބެން ވާނީ.. ގާނޫނުން ހަދާފައިވާ ހައްގުތަށް އެކުދިންނަށް ލިބެންވާނެ މެދުވެރިޔަކު ނެތަސް" ޔަގީނުންވެސް ހިޝާންގެ މިހުވަފެނަކީ އެތަކެއް އާއިލާއެއް ވެސް ދެކެމުން އަންނަ ހުވެފެނެކެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިން ދީނަށް ލޯބި ޖެއްސުމަށާއި އެފަދަ ކުދިންނަށް ނަމާދަށް ދިއުމާއި ހުކުރަށް ގެންދިއުމަށް ބެލެނިވެރިންނަށް ދިމާވެފައިވާ މައްސަލައަށްވެސް މިހާރު ހިޝާން ވަނީ ހައްލެއް ހޯދާދެއްވާފައެވެ.
ކޮންމެ ހުކުރު ދުވަހެއްގައި ހިޝާންގެ މަސައްކަތަކީ އެފަދަ ކުދިން އެތަނަކަށް އެއްކޮށް ޓެކްސީއެއް ހޯދައި އެކުދިން ގޮވައިގެން ހުކުރަށް ގެންދިއުމަށެވެ.
އެގޮތުން މީގެ ކުރިން އެ ކުދިން ގޮވައިގެން ދަތުރު ކުރުމަށް ޓެކްސީ ނުލިބިގެން އުޅެން ޖެހުނަސް މިއަދު ބައެއް ޓެކްސީ ޑްރައިވަރުންގެ އެހީ ހިޝާން އާއި އެކުދިންނަށް ލިބެމުންދާކަން ޝުކުރުވެރިކަމާއިއެކު ހިޝާން ފާހަގަ ކުރިއެވެ.
މީގެ އިތުރުންވެސް ހިޝާންގެ އެދުމަކީ މިހާރަށް ވުރެބޮޑަށް މައިންބަފައިން ދަރިން ތަރުބިއްޔަތު ކުރާއިރު އެކުދިންނަށް މީހުންނަށް އެހީމުގެ މުހިންމުކަން ބުނެދީ އެކުދިން އެދަފަ ކަންކަމަށް އަހުލުވެރި ކުރުވުމެވެ.