Last Updated: November 27, 01:11
Tuesday, November 26, 2024
ޚަބަރު

ޕެޓްރޯލާއި ޑީސަލުގެ އަގު ހެޔޮކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގު ހެޔޮކޮށްފި އެވެ.

އެސްޓީއޯ މެނެޖިން ޑިރެކްޓަރު އަހްމަދު ޝަހީރު ވިދާޅުވީ ތެލުގެ އަގު ހެޔޮކުރީ މީގެ ކުރިން ތެލުން ނަގަމުން އައި ޑިއުޓީ 10 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަ ކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެނައި އިސްލާހާ ގުޅިގެންނެވެ.

މިބަދަލާ އެކު ސްޓެލްކޯ އާއި ފެނަކައަށް ވެސް ތެޔޮ ވިއްކާނީ އަގު ހެޔޮކޮށެވެ.

އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ޑީސަލް ލީޓަރަކުން 51 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 31 ލާރި ހެޔޮކޮށްފައިވެ އެވެ. ކުރިން ޑީސަލް ވެސް އަދި ޕެޓްރޯލް ވެސް ލީޓަރެއް ވިއްކަނީ 8.95ރ. އަށެވެ.

ނަމަވެސް މިހާރު ޕެޓްރޯލް ލީޓަރެއްގެ އަގަކީ 8.65ރ. އެވެ. އަދި ޑީސަލް ލީޓަރެއްގެ އަގަކީ 8.44ރ. އެވެ.

މި ގެނައި ބަދަލުގެ ސަބަބުން މިފްކޯ މެދުވެރިކޮށް މަސްވެރިންނަށް ވެސް ތެޔޮ ވިއްކުމަށް ހެޔޮ އަގުތަކެއް ކަނޑައެޅިގެން ދާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.