މިމަހުގެ 16 ވަނަ ދުވަހު އިހަވަންދޫ އައިސް ޕްލާންޓްގައި މަސައްކަތް ކުރަމުން ދިޔަ އިސްމާއިލް އުމަރު (އިއްސެ) މަރާލުމާއި ގުޅިގެން އިހަވަންދޫގައި ބިދޭސީންނާ މެދު ފިޔަވަޅުތަކެއް އަޅަަން އިހަވަންދޫ ރަށު ކައުންސިލްގެ ކުއްލި ބައްދަލުވުމަކުން ނިންމައިފިއެވެ.
އިހަވަންދޫ ކައުންސިލުން ނިންމިގޮތުގައި ރޭގަނޑުގެ 10 ގެ ފަހުން ބިދޭސީން ގެއިން ބޭރަށް ނުކުމެ އުޅުމަކީ މުޅިން މަނާކަމެކެވެ. އަދި ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ އެއްވެސް ސަރަހައްދަކުން މަސްވެރިކަން ކުރުމާއި ވަލުތެރެއިން ކާށްޓާއި ދަރު ހޮވުން ވެސް ވަނީ މަނާކުރެވިފައެވެ.
ރަށުގައި ބާއްވާ ހަފްލާތަކަށް ދައުވަތު ނުދެނީސް ދިޔުމާއި ކުނިއުކާލުން ނޫން އެހެންބޭނުމެއްގައި ރަށުގެ ކުނިގޮޑަށް ދިޔުންވެސް ވަނީ ބިދޭސީންނަށް މުޅިން މަނާކޮށްފައެވެ.
މީގެއިތުރުން ހުކުރު ދުވަހެއްގެ މެންދުރު ފަހު 2:00 އިން 5:30 އާ ދެމެދުގެ ވަގުތެއްގައި މެނުވީ ގުރޫޕް ހަދައިގެން ނިކުމެ އުޅުން ވެސް ވަނީ މަނާކޮށްފައެވެ. މި ޤަވައިދުތަކަށް އަމަލުކުރަންޖެހޭނީ ހަމައެކަނި އިހަވަންދޫގައި އުޅޭ ބިދޭސީންނެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދު އިހަވަންދޫގެ ނޫހެއްކަމަށްވާ އިހަވަންދޫ.ކޮމްއަށް ވިދާޅުވީ، މިއަދު އެރަށު ކައުންސިލުން ނިންމި ނިންމުން ތަކަކީ ހަމައެކަނި، އިސްމާއިލް އުމަރުގެ މަރާއި ގުޅިގެން ނިންމި ނިންމުމެއް ނޫންކަމަށެވެ. އިޤުތިސާދީ އަދި އިޖުތިމާޢީ ގޮތުންވެސް ރަށް ބޮޑެތި ގެއްލުން ތަކެއް އެމީހުންގެ ފުށުން ވުމުގެ ބިރު އޮތުމުން ކަމުގައި ވިދާޅުވިއެވެ.
އިސްމާއިލް އުމަރުގެ މަރުގެ ތަހުގީގު މިހާރު ކުރިއަށްދާތީ، އެ ރަށުން އެއްވެސް ބިދޭސީއަކު މިވަގުތު ފޭބުން ވެސް ވަނީ މަނާކޮށްފަ އެވެ.
އެރަށުގައި 2002 ވަނަ އަހަރުގައިވެސް ބިދޭސީންތަކެއް ދިން ހަމަލާތަކެއްގައި 16 އަހަރުގެ އަންހެން ކުއްޖެއްވަނީ މަރުވެފައެވެ.