Last Updated: March 11, 10:00
Tuesday, March 11, 2025
ޚަބަރު

"ޕްރީއޯޑާ އެމްވީ" ގެ މައްސަލަތައް ފުލުހުންނަށް ރިޕޯޓް ކުރޭ!

"ޕްރީއޯޑާ އެމްވީ" ގެ ނަމުގައި ފޭސްބުކްގައި ހިންގަމުންދާ ޕޭޖުން ހެޔޮ އަގެއްގައި ފޯނާއި ގެޒެޓުތައް ގެނެސްދިނުމަށް ވަޢުދުވެ އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ނަގަމުންދާކަމަށާއި އެފަދަ މައްސަލައެއް "ޕްރީއޯޑާ އެމްވީ" އާ ދެކޮޅަށް އޮތްނަމަ ރަސްމީގޮތެއްގައި ފުލުހުންނަށް ރިޕޯޓުކުރުމަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ "ޕްރީއޯޑާ އެމްވީ" އިން ވިޔަފާރިކޮށްގެން މުދާ ނުލިބުމުގެ ގިނަ މައްސަލަތައް ހުށައެޅިފައިވާކަމަށެވެ. ހަމައެހެންމެ، ފައިސާ ދެއްކުމަށްފަހު މިޕޭޖު ހިންގާ ފަރާތުގެ އެއްވެސް ޚަބަރެއް ނުވާކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގަ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިފަދަ ކަމެއް ކުރިމަތިވެފައިވާ ފަރާތަކުން ރަސްމީ ގޮތެއްގައި ފުލުހުންނަށް މައްސަލަ ހުށައެޅުމަށް ޓުވީޓުގައި ފުލުހުން ވަނީ އާންމު ރައްޔިތުންގެ ކިބައިން އެދިފައެވެ.

މިމައްސަލައިގައި މީގެ ކުރިންވެސް "ޕްރީއޯޑާ އެމްވީ" އާ ގުޅުންހުރި މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ފަހުން މީހަކު ހައްޔަރުކޮށްފައިވާކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް މަކަރާއި ހީލަތް ހަދައިގެން ފައިސާ ހޯދުމަކީ މިހާރު އާއްމުވަމުންދާ ކަމެކެވެ.