ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އައްޑޫގައި ހުރި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުގައި ތަފާތު އެކި ސިޔާސީ މަޤާމުތައް އުފައްދަވައި، އެކި ބޭފުޅުން އައްޔަން ކުރައްވައިފަ އެެވެ.
އެ ބޭފުޅުންނާ ހަވާލުކުރެވިފައިވާ މަސައްކަތަކީ ސަރުކާރު ޕްރޮމޯޓް ކުރުމާއި ސަރުކާރަށް ރައްޔިތުންގެ ރުހުމާއި ލޯބި ހޯދައި ދިނުމެވެ. ސަރުކާރު ދިފާޢު ކުރަންޖެހޭ ހާލަތްތަކުގައި ސަރުކާރު ދިފާއުކުރުމެވެ.
އެހެން ނަމަވެސް މިފަހަކަށް އައިސް، އައްޑޫ ސިޓީ އިން ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު، ރައީސް ޔާމީން އައްޔަން ކުރައްވާފައިވާ ސިޔާސީ ބޭފުޅުންގެ ފަރާތުން އިޚްލާސްތެރިކަން ފެންނަމުން ދަނީ ކިހާ މިންވަރަކަށްތޯ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އޭގެ ތެރޭގައި ވެސް ޕީޕީއެމް އަށް ނިސްބަތްވާ މީހުންގެ އަދަދު ގިނައެވެ.
މި ވެރިންގެ މަސައްކަތް ހަމަޖެހިފައިވާ ގޮތުން އޮފީހަށް ވަޑައިގަންނަވާ ގޮތަށް "ބިޒީ" ބޯޑް އަޅުއަވައިގެން ކުރައްވަނީ "ޝުކުރިއްޔާ ރައީސް ޔާމީން" ޖައްސަވާފައި ޓްވީޓް ކުރެއްވުމުގެ މަސައްކަތެވެ. ބާކީ އޮންނަ ވަގުތު އެއް ރެސްޓޯރަންޓުން އަނެއް ރެސްޓޯރަންޓުން ކޮފީ ބެއްލެވުމުގައެވެ.
އޮފީހުގެ ކަންތައް ހިނގާ ގޮތް އެނގިވަޑައި ނުގަންނަވާއިރު ޝަކުވާއެއް ހިފައިގެންދާ ރައްޔިތު މީހާ އަށް މިއިން ބޭފުޅެއްގެ ފައިންޕުޅު ވެސް ފެންނަގޮތެއް ނުވެއެވެ.
ނަމަވެސް ސަރުކާރުގެ ވެރިޔަކު އައްޑޫ އަށް ވަޑައިގަންނަވާ ނަމަ، މަޖުބޫރުކޮށްގެން ވެސް އެއާޕޯޓަށް މުވައްޒަފުން ގެންދަވައެވެ. މީގެ އިތުރުން ޕާޓީއަށް ސޮއި ހޯދައި ދިނުމަށް މަޖުބޫރު ކުރައްވައެވެ.
މި ހުރިހާ ކަމެއް ކުރައްވަނީ، ރައީސް ޔާމީންގެ ސަރުކާރަށް ތާއީދު އިތުރު ކުރުމުގެ ނަމުގައެވެ.
އެހެން ނަމަވެސް މި މަސައްކަތުން ލިބުނު ފާއިދާއެއް ފެންނާކަށް ނެތެވެ.
ޚިދުމަތެއް ނުލިބިގެން ޝަކުވާ ކުރަން އަންނަ ރައްޔިތުމީހާގެ އަޑު އައްސަވާނެ ހިތްވަރެއް ނެތް ވެރިން ގޮވައިގެން 2018 ވަނަ އަހަރާއި ހަމައަށް ދާއިރު ރައީސް އަބްދުﷲ ޔާމީނަށް އައްޑޫ ރައްޔިތުންގެ ތާއީދު ލިބޭނެ އެއްވެސް ފޯމިއުލާއެއް ނެތެވެ.
ލޯކަލް ކައުންސިލްގެ އިންތިހާބުގެ ނަތީޖާއިން އެކަން ވަރަށް ރަނގަޅަށް ހާމަވެގެން ދިޔައެވެ.
އިންތިހާބުގެ ކުރިން އައްޑޫގައި ތިއްބެވި ސިޔާސީ ބޭފުޅުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ "ޔަޤީންކަން" ދެއްވިއެވެ.
އެބޭފުޅުންނަށް ޤަބޫލުކުރެއްވުނީ މުވައްޒަފުންނަށް ބިރުދައްކައި މަޖުބޫރުކޮށްގެން ރައްޔިތުންގެ ވޯޓު ލިބިދާނެ ކަމަށެވެ. އެހެން ނަމަވެސް ހަގީގަތުގައި އޭގެ ސަބަބުން ސަރުކާރަށް ލިބުނީ ނަފްރަތެެވެ.
އިންތިހާބަށް ފަހު މިކަން ޤަބޫލުކުރެއްވުމުގެ ބަދަލުގައި އަނެއްކާވެސް މި "ކުޅިވަރު" އިތުރު ފޯރިއަކާއި އެކު މި ބޭފުޅުން ކުރިއަށް ގެންދަވަނީއެވެ.
ވަޒީފާ އާއި ބެހޭ ގާނޫނާއި ޚިލާފަށް ވަޒީފާތަކުން މުވައްޒަފުން ވަކި ކުރުން ފެށިގެން ގޮސްފައިވާއިރު އޭގެ ތެރޭގައި ޕީޕީއެމްގެ ހަރަކާތްތަކުގައި އެންމެ ކުރީ ސަފުގައި ތިބި އެކްޓިވިސްޓުން ވެސް ހިމެނެއެވެ.
އޭގެ ސަބަބުން ޕާޓީއަށް ނުވަތަ ސަރުކާރަށް އޮތް ތާއީދު ކުޑަވެގެން ހިނގައިދާނެ ކަމާއި މެދު ކުޑަވެސް ފަރުވާލެއް ނެތެވެ. ފެންނަ މަންޒަރުތަކަށް ބަލާއިރު، އަމިއްލަ އެޖެންޑާ އެއް އޮވެދާނެ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ.
އެ އެޖެންޑާ އަކީ، 2018 ވަނަ އަހަރު އިންތިހާބުގައި ރައީސް ޔާމީން ފެއިލްކޮށްލުން ހެއްޔެވެ؟ ނުވަތަ ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރަށް ނަފްރަތު ހޯދުން ހެއްޔެވެ؟
އެއީ ކޮންމެ އެޖެންޑާ އަކަށް ވިޔަސް ފެންނަން އޮތް ހަގީގަތަކީ، އައްޑޫގައި ތިއްބެވި ސިޔާސީ ވެރިންގެ ސަބަބުން ރައީސް އަބްދުﷲ ޔާމީން އަށް އަދި އެމަނިކުފާނުގެ ސަރުކާރަށް ވެސް ސިޔާސީ ގޮތުން ލިބޭ ގެއްލުން ބޮޑު ކަމެވެ.
ރައީސް ޔާމީން އެންމެ "ލޯބިވި ނައިބު ރައީސް ކަންތައް ކުރެއްވި ގޮތަށް ބަލާއިރު އެބޭފުޅާ ވެސް ގެންދެވީ ތާ އަބަދު ރައީސް ޔާމީނަށް ސަނާ ކިޔުއްވަމުންނެވެ. އާޚިރުގައި ކަން ވެގެން ދިޔައީ މުޅިން އެހެން ގޮތަކަށެވެ.
އައްޑޫގައި މިތިއްބެވި ސިޔާސީ ވެރިންގެ އަމަލުތައް ވެސް ފެންނަނީ ހަމަ އެފަދައިންނެވެ. ރައީސް ޔާމީން އާއި ފަސްޓް ލޭޑީ އަށް ޝުކުރު އަދާކުރެއްވުން ނޫން ކަމެއް ނުކުރައްވައެވެ. "2018 ޔަގީން" ވެގެން އެވާހަކަ އެވެ.
ފެނަކަ، އެމްއާރްޑީސީ، އެޗްޕީއެލް އަދި އެސްޓީއެލް އާއި ހައުސިން މިނިސްޓްރީ އެއް ކިޔާނެ ކަމެއް ނެތެވެ. ހުރިހާ ދިމާލަކުން ވެސް ފެންނަނީ ސަރުކާރަށް ނަފްރަތު ހޯދަން މަސައްކަތް ކުރައްވާ "ހީވާގި" ވެރިންނެވެ.