Last Updated: April 21, 15:19
Monday, April 21, 2025
މުނިފޫހިފިލުވުން

"ޖަބް ހެރީ މެޓް ސެޖަލް" ގެ ފުރަތަމަ ލަވަ މިއޮތީ

އަންނަ އޮގަސްޓަ މަހު ރިލީޒް ކުރާ ޝާހްރުކް ހާނާއި އަނުޝްކާ ޝަރްމާގެ ފިލްމް "ޖަބް ހެރީ މެޓް ސެޖަލް" ގެ ފުރަތަމަ ލަވަ މިއަދު އާންމުންނަށް ދޫކޮށްލައިފި އެވެ.

މި ލަވައިގެ ނަމަކީ "ރާދާ" އެވެ. ލަވަ ކިޔާފައި ވަނީ ސުނީދީ ޗޯހަން އާއި ޝާހިދު މަލިޔާ އެވެ.

އިމްތިއާޒް އަލީ ޑައިރެކްޓްކޮށްފައިވާ "ޖަބް ހެރީ މެޓް ސެޖަލް" ގެ މި ލަވައަކީ ޕްރިތަމް ކޮމްޕޯޒްކޮށްފައިވާ ލަވައެކެވެ.

އޮގަސްޓް މަހުގެ 4 ގައި ފިލްމް ރިލީޒް ކުރަން ތާވަލްކޮށްފައިވާ އިރު، "ޖަބް ހެރީ މެޓް ސެޖަލް" މިނީ ޓްރެއިލާތަކެއް މިހާރު އަންނަނީ ބެލުންތެރިންނަށް ދައްކައިލަމުންނެވެ.

އެގޮތުން ތިން ޓްރެއިލާއެއް މިހާތަނަށް ވަނީ ރިލީޒްކޮށްފަ އެވެ.

"ޖަބް ހެރީ މެޓް ސެޖަލް" އަކީ އަނުޝްކާ އާއި ޝާހްރުކް އެކުގައި ކުޅުނު ތިން ވަނަ ފިލްމެވެ. އެ ދެ ތަރިން އެންމެ ފަހުން އެކުގައި ފެނުނީ 2012 ގައި ރިލީޒް ކުރި "ޖަބް ތަކް ހެ ޖާން" އިންނެވެ.