މާބަނޑު ދުވަސްވަރަކީ އަންހެނެއްގެ ހަޔާތުގައި އަންނާނެ އެންމެ ނާޒުކު އެއް ފައްތަރެވެ. މުޅިން ވެސް ތަފާތު ކަންތައްތަކެއް ތަޖުރިބާ ކުރަން ޖެހޭ ދުވަސްވަރެކެވެ.
އެންމެ އުފާވެރި ދުވަސްތަކެވެ. ނަމަވެސް މިކަމުގެ ސަބަބުން ލިބޭ އުފަ ލާއެކު ހަށިގަނޑަށް އަންނަ ބަދަލުތަކާ މެދު ފަރުވާތެރިވެ ކުރަން ޖެހޭ ކަންތައްތައް އެބަ ހުއްޓެވެ.
* ކަސްރަތުކުރުން
މަޔަކަށްވާ ކޮންމެ މީހަކީވެސް ކަންނެތްކަމެއް ނެތް ހީވާގި މީހަކަށްވުމަކީ ވަރަށް މުހިއްުމު ކަމެކެވެ. ޤަވައިދުން ކަސްރަތުކުރުމަކީ ހަށިގަނޑުގެ ބަރުދަން މާބޮޑަށް އިތުރުނުވެ އެއްވަރެއްގައި ހިފަހައްޓައިދޭނެ ކަމެކެވެ. މީގެ އިތުރުން ހަށިގަނޑުގެ ލޭދައުރުވުން އަވަސްކޮށްދީ މީހާގެ މޫޑު ރަނގަޅުވެ ނިދުމުގައި ދިމާވާ އުނދަގޫތަކުން ސަލާމަތްވެގެން ދާނެއެވެ. އެހެންނަމަވެސް މާބަނޑު ދުވަސްވަރަކީ ނާޒުކު ދުވަސްވަރަކަށް ވާތީ ކަސްރަތުކުރުމުގައިވެސް ޑަކުޓަރެއްގެ އިރުޝާދު ހޯދުން ވަރަށް މުހިއްމެވެ.
ފާހާނާ ސާފުކުރުންފަދަ ގޭގައި ކުރެވޭ މަސައްކަތްތަކަކީ މާބަނޑު ދުވަސްވަރު ކުރުން ރައްކާތެރި ކަންކަމެއް ނޫނެވެ. ފާހާނާ ސާފުކުރަން ބޭނުންކުރެވޭ ކެމިކަލްތަކަކީ ބަނޑުގައި އޮންނަ ދަރިފުޅަށާއި މައިމީހާއަށް އޭގެ ސަބަބުން ގެއްލުން ލިބިދާނެ އެއްޗެކެވެ.
ބަރުއެއްޗެހި އުފުލުމާއި އުނދުން ކައިރީގައި މާގިނައިރު ކައްކަން ހުރުމަކީވެސް މާބަނޑު ދުވަސްވަރު ރަނގަޅުކަމެއް ނޫނެވެ.
ގޭގައި ބުޅަލެއް ގެންގުޅޭނަމަ ބުޅަލުގެ ނަޖިސް ސާފުކުރުމާއި ބުޅަލާއި ގާތްވުމަކީ އޭގެ ސަބަބުން ހީވެސް ނުކުރާފަދަ ގެއްލުމެއް ދަރިފުޅަށް ލިބިދާނެކަމެކެވެ. ބުޅަލަކީ އޭގެ ސަބަބުން ޓޮކްސޯޕްލަސްމޯސިސް ޖެހުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ. އެހެންކަމުން، ގޭގައި ބުޅާ ގެންގުޅޭނަމަ ވީހާވެސް ގިނައިން އަތްދޮންނަން އާދަކުރާށެވެ.
* މޭވާ ބޭނުންކުރުން
އާދަކޮށް ހެނދުނު ބޮއެ އުޅުނު ކޮފީގެ ބަދަލުގައި ބަލިވެ އިންނަ ދުވަސްވަރު މޭވާއެއް ކާލުން ނުވަތަ މޭވާ ޖޫސްތަށްޓެއް ބުއިން ރަނގަޅެވެ. ކޮފީގައި ހިމެނޭ ކެފެއިންއަކީ އޭގެ ސަބަބުން މާބަނޑުމީހާއަށާއި ދަރިފުޅަށް ގެއްލުންތަކެއް ލިބިދާނެ އެއްޗެކެވެ. ދޮންކޭލާއި އާފަލުފަދަ މޭވާތަކުގައި ހިމެނޭ ޤުދުރަތީ ހަކުރަކީ މާބަނޑުމީހާގެ ހަށިގަނޑުގައި ހަކަތަ އިތުރުކޮށްދޭނެ އެއްޗެކެވެ.
- ޑަކުޓަރުގެ ލަފާހޯދުން
ހާއްސަގޮތެއްގައި ފުރަތަމަ ފަހަރަށް ބަލިވެ އިންނައިރު ތިމާއަށް ކުރިމަތިވާ ކަންތައްތަކާމެދު ހަދަންޖެހޭގޮތެއް ނޭނގިދާނެއެވެ. މިގޮތުން ގަދަޔަށް ބަނޑުގައި ރިއްސުމާއި ގައިގަ ގަނޑުލުންފަދަ ކަމެއް ދިމާވާނަމަ ޑަކުޓަރަށް ދެއްކުން މުހިއްމެވެ. ހަމައެހެންމެ، ނޭވާލާން އުނދަގޫވުމާއި ބޯއަނބުރާކަހަލަ ގޮތްތަކެއްވާނަމަ ޑަކުޓަރުގެ ލަފާހޯދުން ބުއްދިވެރިއެވެ. މާގިނައިން ހޮޑުލެވުމާއި މެއިން ދިލަނެގުންފަދަ ކަމެއް ދިމާވާ ނަމަވެސް ޑަކުޓަރާއި މަޝްވަރާކުރާށެވެ.
* ކެއުމާއިމެދު ފަރުވާތެރިވުން
މާބަނޑު ދުވަސްވަރު ކެއުމުގެ އާދަތައް ރަނގަޅަށް ބެހެއްޓިއްޖެނަމަ އުފަންވާ ދަރިފުޅަކީ ޞިއްހީގޮތުން ދުޅަހެޔޮ ކުއްޖަކަށްވާނެއެވެ. މިކަމަށްޓަކައިި ހާއްޞަގޮތެއްގައި ހެނދުނުގެ ނާސްތާ ވީހާވެސް ރަނގަޅަށް ނެގުން މުހިއްމެވެ. މީގެއިތުރުން ފައިބަރ އެކުލެވޭ ބާވަތްތައް ކަމަށްވާ މޭވާއާއި ތަރުކާރީ ބޭނުންކުރުން ރަނގަޅެވެ. ސްނެކްސް ކާނަމަ އޭގައި ފެޓްގެ ބައި މަދުން އެކުލެވޭ ބާވަތްތައް ކެއުމުން ހަށިގަނޑަށް ފައިދާ ކުރާނެއެވެ. ހަމައެހެންމެ، މާބަނޑު ދުވަސްވަރު ގަޑިން ގަޑިޔަށް ކެއުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ.