ފޭސްބުކުން ހިތަދޫ އަލީ މާހިރު ފޮލޯ ކުރާ މީހަކަށް ވިއްޔާ އެންމެ ބޮޑަށް އަޅައި ގަންނާނެ އެއް ކަމަކީ އޭނާ ފޮޓޯ ނެގުމުގެ ހުނަރެވެ. ބައިވަރު އެތައް ފޮޓޯއެއް ފެންނާނެ އެވެ.
ހާއްސަކޮށް ގުދުރަތީ ރީތި މަންޒަރުތަކެވެ. އޭގެ ތެރޭގައި އިރު އޮއްސޭ މަންޒަރާއި އިރު އަރާ މަންޒަރާއި ގުދުރަތީ ގޮތުން އުފެދިފައިވާ ހިތްގައިމު ރީތި ތަންތަން ހިމެނެ އެވެ. އޭގެ ތެރޭގައި ހިތަދޫގެ ކުޅިތަކާއި އެ ނޫން ވެސް އެތައް ތަނެއް ފާހަގަ ކުރެވޭނެ އެވެ.
މި ފޮޓޯތައް ރީތިވެގެން ވަރަށް ގިނަ މީހުން ތައުރީފުކޮށް ކޮމެންޓް ވެސް ކުރެ އެވެ. ހަމަމިއާ އެކު ފޮޓޯތައް އެޑިޓްކޮށްފައި ހުންނަ ކަމަށް ކިޔާ ފާޑުކިޔުންތަކާ ވެސް މާހިރަށް ކުރިމަތިލާން ޖެހެ އެވެ.
"ތެދަށް ބުނަންޏާ އަހަންނަކީ ފޮޓޯޝޮޕް ކަހަލަ އެއްޗެހި ބޭނުންކޮށްގެން ފޮޓޯތައް އެޑިޓްކޮށް ހަދާ މީހެއް ނޫން. ރޯ ފޯމެޓްގައި ފޮޓޯ ނަގައި، ހަމައެކަނި ލައިޓް ރޫމްގައި ފޮޓޯތައް ޓަޗްކޮށްލާފައި ދޫކޮށްލަނީ،" އޭނާ ބުންޏެވެ. "އެހެންވެ އަހަރެންގެ ފޮޓޯތަކަކީ ހަމަ އޭގެ އަސްލު ފޮޓޯތަކަށް ވާނެ."
މާހިރު ބުނި ގޮތުގައި އޭނާއަކީ އަބަދު ވެސް ހޮބީއެއްގެ ގޮތުގައި ފޮޓޯ ނަގައި އުޅޭ މީހެކެވެ. ވަރަށް ޒުވާން އުމުރުން ފެށިގެން ވެސް އޭނާއަކީ ކެމެރާ ގެންގުޅޭ މީހެކެވެ. އެހެންވެ ފޮޓޯގްރަފީ އާއި މާހިރާ އޮތީ ވަރަށް ބޮޑު ގުޅުމެކެވެ.
އޭނާގެ ވަރަށް ގާތް ރައްޓެހިންގެ ތެރޭގައި ވެސް ފޮޓޯގެ ތަޖުރިބާކާރުން ހިމެނެ އެވެ. އޭގެ ތެރޭގައި ރައީސް އޮފީހުގެ ކުރީގެ ފޮޓޯގްރާފަރު ހަސަން ނަޖްމީ އާއި ކޮޑަކް މުހައްމަދުދީ ހިމެނެ އެވެ.
"އަބަދުވެސް ވަރަށް ކުރާ ހިތްވާ ގުދުރަތީ ރީތި މަންޒަރުތައް ފޮޓޯ ނެގުމަކީ. އެހެންވެ ބައެއް ގަޑިތަކުގައި ކެމެރާ ހިފައިގެން ހަމަ ފޮޓޯ ޝޫޓިންތަކަށް ނިކުމެ މިކަން ކުރަނީ،" ހިތަދޫ ކްއެންޗް ރެސްޓޯރަންޓް ވެސް ހިންގި މާހިރު ބުންޏެވެ.
ގުދުރަތީ ރީތި މަންޒަރުތަކުގެ ލޭންޑްސްޕޭކިން ފޮޓޯ ނެގުމުގެ ތެރެއިން މާހިރު މި ވަނީ ވަރަށް ހާއްސަ މަސައްކަތެއް ވެސް ފަށައިފަ އެވެ. އެގޮތުން މި ރޯދަ މަހު މީގެ ފުރަތަމަ ބައި މިހާރު މި ވަނީ ނިންމާލައިފަ އެވެ.
އެއީ އައްޑޫގެ އަވަށްތަކުގައި ހުރި މިސްކިތްތަކުގެ ފޮޓޯ ނެގުމެވެ. އައްޑޫގައި 60 އަށް ވުރެ ގިނަ މިސްކިތް ހުރި އިރު، މާހިރު ވަނީ ހިތަދޫގައި ހުރި 25 މިސްކިތް ފޮޓޯ ނަގައި، ރައްކާކޮށްފަ އެވެ. އޭނާގެ ފޭސްބުކްގައި މިހާރު މިސްކިތްތަކަށް ހާއްސަ އަލްބަމެއް އިންނާނެ އެވެ.
މާހިރު ބުނީ މިސްކިތްތަކުގެ ފޮޓޯ ނަގަން ހިޔާލު އައީ ރޯދަ މަހު ސަންސެޓް ފޮޓޯ ނަގަން ނުނިކުމެވޭތީ ކަމަށެވެ.
"ކޮންމެ ގޮތެއް ވިޔަސް ރޯދަ ވީއްލާ ގަޑިވީމަ ސަންސެޓް ފޮޓޯ ނަގާކަށް ނުދެވޭނެތާ. އެހެންވެ އެތަން ފޫބައްދަން އައި ހިޔާލެއްގެ ތެރެއިން ހަގީގަތުގައި މިސްކިތްތަކުގެ ފޮޓޯ ނަގަން ފެށުނީ" އޭނާ ބުންޏެވެ.
މާހިރު ބުނީ މި މަ މަސައްކަތް ފެށި އިރު ވެސް، އަމާޒަކީ ރޯދަ މަސް ނިމުމުގެ ކުރިން ހިތަދޫގެ ހުރިހާ މިސްކިތްތަކެއް ފޮޓޯ ނެގުން ކަމަށެވެ.
"ރޯދަ މަސްވީމަ އެންމެ ފަސޭހަކޮށެއް ނޫން މިކަން ކުރެވުނީ. ގިނަ ފަހަރު މިސްކިތްތަކުގައި މީހުން ތިބުމާއި ސައިކަލް ފަދަ އެއްޗެހި ޕާކްކޮށްފައި ހުންނާތީ އެންމެ ބޭނުންވި ވަގުތަކު ފޮޓޯ ނަގާކޮށް ފުރުސަތެއް ނުލިބޭ،" އޭނާ ބުންޏެވެ. "އެހެންވެ ވަރަށް ވަގުތު ހުސްކޮށްގެން އެންމެ ބޭނުންވި ގޮތަށް ފޮޓޯތައް ނަގައި ފައިނަލްކޮށްފައި ހުންނާނީ."
މިސްކިތްތަކުގެ ފޮޓޯތަކާ އެކު ވަރަށް މުހިއްމު އެހެން ބޭނުމެއް ވެސް އެބަ އޮތެވެ. އެއީ އެ ފޮޓޯތައް ބޭނުންކޮށްގެން އައްޑޫގެ ކަލަންޑަރުު ތައްޔާރު ކުރުމެވެ. އެހެންވެ އައްޑޫގެ ހުރިހާ އަވަށެއްގެ މިސްކިތްތަކުގެ ފޮޓޯ ނެގުމަކީ އަމާޒެކެވެ.
"މީގެ އެއް ބޭނުން އެއީ ފޮޓޯތައް ހިމަނައިގެން ކަލަންޑަރު ތައްޔާރު ކުރުން. އެހެންވީމާ ކުރިއަށް އޮތް ތަނުގައި ހުރިހާ މިސްކިތްތަކެއްގެ ފޮޓޯ ނަގަން މަސައްކަތް ކުރާނަން،" މާހިރު ބުންޏެވެ.
މިސްކިތްތަކުގެ ފޮޓޯ ނަގާފައި ރައްކާ ކުރެވުމަކީ ތާރީހަށްޓަކައި ވެސް ކުރެވޭ ވަރަށް މުހިއްމު މަސައްކަތަކަށް ވާނެ އެވެ. މާހިރު ބުނީ މިކަމުން ހާސިލް ކުރަން ބޭނުންވާ އެއް ނަތީޖާއަކީ ވެސް މިސްކިތްތަކުގެ ތާރީހު ރައްކާ ކުރުން ކަމަށެވެ.
"މިސާލަކަށް ހިތަދޫގެ ބައެއް މިސްކިތްތަކަށް ބަލާ އިރު، އެކި ފަހަރު މަތިން މިސްކިތްތަކަށް އެބަހުރި އެކި ކަހަލަ ބަދަލުތައް ގެނެވިފައި. އެކަމަކު އެ ބަދަލުތައް ނެތް ކަންނޭނގޭ ފޮޓޯތަކުން ރައްކާ ކުރެވިފައި،" އޭނާ ބުންޏެވެ. "އެހެން ނަމަވެސް އެއީ ވަރަށް މުހިއްމު ކަމެއް. މިގޮތަށް ނެގޭ ފޮޓޯތަކުގެ މުހިއްމުކަން އެނގޭނީ އަހަރުތަކެއް ފަހުން."