މިދިޔަ މަހު ނިންމައިލި ގޯދިއްޔާ ފުޓްސަލް ކަޕްގައި އެންމެ ބޮޑު ސަމާލު ކަމެއް ހޯދި އެއް ކުޅުންތެރިއަކީ އެ މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ ހޯދި ހާޒިމް ފައުޒީ (ހަތި) އެވެ. އުމުރުން އެންމެ 17 އަހަރުގެ ހަތި އަކީ މިހާރު އައްޑޫން ހޮވާލެވޭނެ އެންމެ ހުނަރުވެރި ކުޅުންތެރިންގެ ލިސްޓުގެ ކުރިން ޖާގަ ހޯދާނެ ކުޅުންތެރިއެކެވެ.
އައްޑޫގައި ދާދި ފަހުން ނިމިގެން ދިޔަ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އައްޑޫ ހައި ސްކޫލް ޓީމުގެ ކެޕްޓަންކަން ވެސް ކުރި ހަތި އަކީ އެ މުބާރާތުގައި ވެސް އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ.
ފުޓްބޯޅައިގެ ނަމުންނަމަ ހިތަދޫ މައިލޯ ސިޓީއަށް ނިސްބަތްވާ ހަތި ވަނީ ކުޑައިރުއްސުރެ ފުޓްބޯޅަ އަށް ޝައުގުވެރިކަން އުފެދި ފުޓްބޯޅަ އާއިގެން ކުރިއަށް ދާން ފަށާފައެވެ. ހަ
ހަތި ބުނީ ފުޓްބޯޅަ އަށް ޝައުޤު އުފެދުނީ ކޮން އިރަކު ކިހިނެެއްކަންން ބުނެދޭން ދަތި އެވެ.
ކޯޗަކު ބޭނުން ކޮންމެ މަގާމަކަށް ކުޅޭ މި ކުޅުންތެރިޔާގެ ޖާދޫ އެންމެ ބޮޑަށް ފެނިގެން ދާނީ ފޯވާޑެއްގެ ގޮތުގަ އެވެ.
އުމުރުން އެންމެ 9 އަހަރުން ފަށައިގެން ކުޅުނު ގިނަ މުބާރާތްތަކުގެ އެންމެ މޮޅު ކުޅުންތެރިޔާކަން އޭނަ ހޯދާފައި ވަނީ އެ ޖާދޫ ދައްކައިގެންނެވެ. ސްކޫލްގެ ހައުސްތަކުގެ މެދުގައި ކުޅެވޭ މުބާރާތްތަކުން ފަށައިގެން ގޮސް ސްކޫލްތަކުގެ މެދުގައި ކުޅެވޭ މުބާރާތްތަކުގައި ވެސް ހުނަރު ދެއްކުމަށް ފަހު މިހާރު ހަތި އަންނަނީ އައްޑޫގައި ބާއްވާ ބޮޑެތި މުބާރާތްތަކުން ޖާގަ ހޯދަމުންނެވެ.
ރޯދަ މަހު ބޭއްވި ގޯދިއްޔާ ފުޓްސަލް ކަޕްގައި އޭނާ ކުޅުނީ ހިތަދޫގެ ގަދަ ބާރެއް ކަމަށްވާ މަޖްޓި ޖީނިއަސް ސިޓީއަށެވެ.
އެ ޓީމްގައި ހަތި ދެއްކި ހުނަރުވެރި ކުޅުމަށް އެތައް ބައެއްގެ ތައުރީފް ލިބުނުއިރު އޭނާގެ ފަހަތުގައި ޒުވާން ސަޕޯޓަރުންގެ ބޮޑު ޓީމެއް އޮވެ އެވެ.
ހަތި ބުނީ އެ މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާކަން ލިބުމަކީ ބޮޑު ކާމިޔާބެއް ކަމަށާއި އުއްމީދަކީ މިފަދަ ކާމިޔާބީތައް ދެމެހެއްޓުން ކަމަށެވެ.
ބަސް މަދު މި ކުޅުންތެރިޔާއަކީ ކޯޗުންގެ އިރުޝާދުތައް ބަރާބަރަށް އަޑު އަހައި އެގޮތުގައި ކުރިއަށް ދާން މަސައްކަތް ކުރާ ކުޅުންތެރިއެއް ކަމަށް އޭނާގެ ބައެއް ކޯޗުން ފާހަގަ ކުރެ އެވެ.
އެއްވެސް ކާމިޔާބީއެއްގައި އެދުރެއްގެ އަތެއްނެތި ނުދާނެ ފަދައިން ހަތިގެ ކާމީޔާބީތަކުގެ ފަހަތުގަ އިވެސް އޭނާގެ ކޯޗުންވެ އެވެ. ގާތް އެކުވެރިން އަދި އިތުރު ހިތްވަރެއް ކަމަށްވާ ސަޕޯޓަރުން އޭނަގެ ފަހަތުގައިވާހާ ހިނދެއްގައި ކުރިއަށް ދެވުނަސް ލޯބިވާ މަންމަ އަކީ އޭނަގެ ކާމިޔާބީތަކުގެ އަސްލު ހައްޤުވެރިޔާ ކަމަށް އޭނަ ބުނެއެވެ.
މަންމަ ދިން ހިތްވަރާއި ދިން ނަސޭހަތްތަކުގެ އަލީގައި މި ހިސާބަށް ދެވުނު ގޮތަށް މިއަށް ވުރެ ކުރިއަށް ދާން އޭނަ ހުރީ ތައްޔާރަށެވެ.
"އަޅުގަނޑު ބޭނުމީ އެންމެ ކަމެއް މީހުންނަށް ދައްކަން. އެއީ ފުޓްބޯޅާއިގައި ވަކި އުމުރެއް ނޯންނަކަން. ފަހަރުގައި ތިމަންނަ އަށް ވުރެ ދުވަސްވި މާ ތަޖުރިބާކާރު ޓީމަކާ ދެކޮޅަށް ކުޅެން ޖެހިދާނެ،" ހަތި ބުންޏެވެ. "އެކަމަކު ދޫ ދީގެން ނުވާނެ. ފަހަރުގައި އުމުރުން ކުޑަވެދާނެ އެކަމަކު ހުނަރެއް ނުވާނެ."
އޭނާގެ މި ވާހަކައިން ވެސް ކުޅިވަރުގެ ޖޯޝާއި ހިތްވަރު ހުރިކަން ސާބިތުވެ އެވެ. އެހެންމެ މި ދާއިރާއިން ކުރިއަށް ދާން ބޭނުންވެފަ ތިބި ބަޔަކަށް މިވެގެން ދާނީ ރަނގަޅު ނަސޭހަތަކަށެވެ.
"އައްޑޫ ލައިވް" އިން ވެސް އެދެނީ ހަތިއަށް މިއަށްވުރެ ކާމިޔާބް ދުވަސްތަކެއް މިންވަރު ކުރެއްވުމަށެވެ.