އައްޑޫގެ ގައުކެނޑި ސަރަހައްދަކީ އައްޑޫގެ ވަރަށް މުހިއްމު ތަނެކެވެ. ހާއްސަކޮށް ގުޅިފައިވާ އަވަށްތަކުގެ މީހުންނަށެވެ. މިއީ މި ރައްޔިތުން ޕިކްނިކް ހަދާލައި މަޖާކޮށްލަން މި ވަގުތު އޮތް އެންމެ މުހިއްމު ތަންކޮޅެވެ.
އެހެންވެ މި ތަނުގެ ބޭނުން ނުހިފާ އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ އެއްވެސް ރައްޔިތެއް ނުހުންނާނެ އެވެ. ގައުކެނޑީގެ މުހިއްމުކަން އެންމެ ބޮޑަށް ފެންނާނީ ރޯދަ މަސް ބޯމަތިވުމުންނެވެ. ރޯދަ އަށް މޫދަށް އެރިލަން ދާ މީހުންނާ އެކު ގައުކެނޑިއަކީ އަބަދު ވެސް ބާރު ބޮޑު ތަނެކެވެ. އެތައް ބަޔަކު ތޮއްޖެހޭ ތަނެކެވެ.
މި ތޮއްޖެހުމާ އެކު އެ ސަރަހައްދުން މި ފަހަކަށް އައިސް ފެންނަނީ ވަރަށް ހިތް ނޭދޭ ކަހަލަ ކަންތައްތަކެވެ. ކުނީގެ މައްސަލަ އެވެ. ޕްލާސްޓިކް ފުޅި އާއި ދަޅާއި އެ ނޫން ވެސް ގިނަ ބާވަތްތައް ގައުކެނޑީގެ އެކި ދިމަދިމާލަށް އުކާލައިފައި ހުންނަ މައްސަލަ ބޮޑެވެ.
މިއީ ހަގީގަތުގައި ވަރަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ. މިހާރުން މިހާރަށް ހުއްޓުވަން ވެސް ޖެހޭ ކަމެކެވެ. ގައުކެނޑި ސަރަހައްދަކީ އައްޑު އަށް އަންނަ ބައެއް ޓޫރިސްޓުން ވެސް މަޑުކޮށްލައި ހަދާ ތަނެކެވެ. އެތަނަށް ކުނި އަޅާފައި ހުންނަ ތަން ފެނިގެން ބައެއް ޓޫރިސްޓުން މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އަދި ބައެއް ޓޫރިސްޓުން އަމިއްލަ އެ ސަރަހައްދުން ކުނި ނަގައި ސާފު ކުރާ މަންޒަރު ވެސް ފެނިފައިވެ އެވެ.
އަނެއްކޮޅުން ގައުކެނޑިއަކީ އަބަދު ވެސް ބައެއް މީހުން ބާބަކިއު ހަދަން ދިއުމާއި ގައުކެނޑީ ބުރިޖް މަތީގައި މަސް ބާނަން ތިބުމަކީ ވެސް އާންމު ކަމެކެވެ.
އެހެން ނަމަވެސް އެ ސަރަހައްދަށް ކުނި އަޅައި ގޮނޑު ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެކެވެ. ގެންދާ ކޮތަޅާއި ފުޅި އާއި ދަޅު ފަދަ ތަކެތި އެ ސަރަހައްދުގެ އެކި ތަންތަނަށް އުކާލާފައި ދިއުމަކީ އެންމެން ވެސް ވިސްނަން ޖެހޭ މައްސަލައެކެވެ. އެކަން ގޮތަށް ކޮށްގެން ނުވާނެ އެވެ.
މީގެ ކުރިން ގައުކެނޑި ސަރަހައްދުގައި ހިތަދޫގެ އަމިއްލަ ޖަމިއްޔާއަކުން ޑަސްބިންތަކެއް ވެސް ބެހެއްޓި އެވެ. އެކަމަކު އޭރު ވެސް ޑަސްބިންތަކުގެ ބޭނުން އެދެވޭ ގޮތެއްގައި ހިފާފައެއް ނެތެވެ. ޖެހުނު ތަނަކަށް ކުނި އުކާލަނީ އެވެ.
ފަހުން އައްޑޫ ސިޓީ ކައުންސިލުން ވެސް ގައުކެނޑި ސާފުކޮށް ރީތިކޮށް ބޭއްވުމަށް މަސައްކަތްތަކެއް ކުރި އެވެ.
އެކަމަކު މިއިން އެއްވެސް ކަމެއް އެންމެ އެކަށޭނެ ގޮތަކަށް ކުރެވިފައި ނުވާތީ އަދިވެސް އެންމެން ޕިކްނިކް ދާ ގައުކެނޑި އޮންނަނީ ގޮނޑުވެފަ އެވެ.
ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް މޫދަ އެރި އުޅޭ މި ސަރަހައްދު ގޮނޑު ކުރުމަކީ ސިއްހީ ގޮތުން ވެސް ތަފާތު މައްސަލަތަައް ކުރިމަތިވާނެ ކަމެކެވެ. އެހެންވެ ކުންޏާ ދޭތެރޭ ސަމާލުވާށެވެ. މިކަހަލަ ކަންކަން ވަރިހަމަކޮށްލާފައި، ފަސޭހަ ނުކުރާށެވެ.
ގައުކެނޑި ސާފުކޮށް އޮންނަ ނަމަ، އެކަމުގެ ފައިދާ ކުރާނީ ހަމަ އެންމެންނަށެވެ. އެހެންވެ ޕިކްނިކާއި ބާބެކިއު ހެދުމާއި މަސް ބޭނުން ފަދަ ކަންކަމަށް ގޮސްފައި އެނބުރި ދާ އިރު، އެތަން ގޮނޑުކޮށްފައި ނުދާށެވެ. ފަރުދީ ޒިންމާ ވެސް އަދާ ކުރާށެވެ.