ރައީސް އަބްދުﷲ ޔާމީން ޕީީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ އިސްވެރިންނާ ބައްދަލު ކުރައްވައިފި އެވެ.
ރައީސް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ އިސް ބޭފުޅުން ތަކަކާއި އެކު ބައްދަލުވުމެއް މި ބޭއްވީ މަޖްލިސްގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއް މަޖްލިސްއަށް ވެއްދުމަށް އިދިކޮޅު ޕާޓީ އާއި ކުރީގެ ޕީޕީއެމް މަޖްލިސް މެމްބަރުން ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
މި ބައްދަލުވުމުގައި އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ މޫސާ ޒަމީރާއި އަބްދުއްރަހީމް އަބްދުﷲ ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލާއި ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ފަލާހުވެސް ވަނީ ބައިވެރިވެފައެވެ. ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ މިބައްދަލުވުމުގެ މައުލޫމާތު ފޮޓޯއާއެކު އަހުމަދު ނިހާން ހުސައިން މަނިކު ވަނީ ޓްވީޓްކުރައްވާފައެވެ. ނަމަވެސް، މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު އެއްވެސް ކަމެއްގެ މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.
ކުއްލިގޮތެއްގައި މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވާއިރު ޕާޓީގެ އެތެރޭގެ ހަމަނުޖެހުންގަނޑެއް ވަނީ އުފެދިފައެވެ. އެގޮތުން މަސީހުގެ އިތުބާރު މައްސަލަ އާއި ގުޅިގެން ބައެއް މެމްބަރުން ވަނީ ހިތް ހަމަނުޖެހުން ފާޅު ކުރައްވާފައެވެ. އަދި މަސީހުގެ ވޯޓު ބޭނުން ނަމަ ޓެރަރިޒަމް ދައުވާ ސާބިތުވެ 11 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް ދޫކޮށްލުމަށްވެސް މެމްބަރަކު ވަނީ ޝަރުޠުކޮށްފައެވެ.