Last Updated: November 24, 23:51
Sunday, November 24, 2024
މުނިފޫހިފިލުވުން

މަށަކީ ރަންބީރުގެ ސެކްރެޓަރީއެއް ނޫން: ރިޝީ

ދަރިފުޅު ރަންބީރުގެ ފިލްމީ ކެރިއަރަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށާއި އޭނާއަކީ ރަންބީރު ސެކްރެޓަރީ ވެސް ނޫން ކަމަށް ބައްޕަ ރިޝީ ކަޕޫރު ބުނެފި އެވެ.

އޭނާ ބުނީ ރަންބީރު ނިންމާ ކޮންމެ ނިންމުމަކީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށެވެ.

"އަހަރެން ނުބެހެން ރަންބީރުގެ ކަންތައްތަކާ. އޭނަގެ ކެރިއާ ބިނާ ކުރާނެ ގޮތެއް އެނގޭނީ އޭނާ އަށް. އަހަންނަކީ އޭނަގެ ސެކްރެޓަރީއެއް ވެސް ނޫން. އަހަންނަކީ ރަންބީރުގެ ބައްޕަ،" ދިއްލީގައި މިހާރު ކުރިއަށްދާ އަށް ވަނަ ޖަގްރާން ފިލްމް ފެސްޓިވަލްގައި ރިޝީ ބުންޏެވެ.

އޭނާ އަދި ބުނީ ކޮންމެ އެކްޓަރެއްގެ ކެރިއަރުގައި ކާމިޔާބީ އާއި ނާކާމީޔާބީއާ ކުރިމަތި ވާނެ ކަމަށެވެ.

އެކަމަކު ހިތްވަރާ އެކު މަސައްކަތްކޮށްފި ނަމަ، ކާމިޔާބީއާ ހަމައަށް ވާސިލްވެވޭބެ ކަމަށް 64 އަހަރުގެ އެކްޓަރު ބުންޏެވެ.

ރަންބީރު މި ފަހުން ކުޅުނު ބައެއް ފިލްމްތައް ފުލުފުލުން ފްލޮޕްވުމުން، ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވި އެވެ.

އޭގެ ތެރޭގައި "ބޮމްވޭ ވެލްވެޓް"، "ބޭޝަމް" އަދި "ރޯއި" ފާހަގަކޮށްލެވެ އެވެ.

އެކަމަކު އެންމެ ފަހުން ރިލީޒްވި ރަންބީރުގެ ފިލްމް "އޭ ދިލް ހޭ މުޝްކިލް" އަކީ ވަރަށް ކާމިޔާބު ފިލްމެކެވެ.

އޭނާ ދެން އެންމެ އަވަހަށް ފެންނާނީ މި މަހުގެ 14 ގައި ރިލީޒް ކުރާ "ޖައްގާ ޖާސޫސް" އިންނެވެ.