ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ދޫނިދޫ ޖަލުގައި އޮންނެވި ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.
އަދީބް ޖަލުގައި އޮންނެވި ފޮޓޯ ޓްވީޓުކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވީ އަދީބު ދޫނިދޫ ޖަލުގައި ނިކަމެތި ހާލުގައި ބާއްވާފައި އޮންނާތީ އަދީބު މަރާލަފާނެތީ ކަންބޮޑުވެ ވަޑައިގަންނަވާނެ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަ ގޮތުގައި އުސްކޮށް ހަދާފައި އޮންނަ އައްޓެއްގައި އޮށޯވެގެން އަދީބު އޮތްއިރު ފޮތް ބަހައްޓާފައި ހުރި މޭޒެއް ކުރިމަތިން ފެނެއެވެ.
އަދީބުގެ އެތެރެހަށީގައި ސިސްޓެއް އުފެދި ކިޑްނީގައި ހިލަހެދި ކެންސަރުގެ ނުރައްކާ ބޮޑުވެފައިވާއިރު އަދީބާ މެދު މިހާރުވެސް އަމަލު ކުރަނީ އިންސާނިއްޔަތާ މުޅިން ހިލާފަށްކަމަށް ސޯޝަލް މީޑިއާގައި ގިނަބަޔަކު ދަނީ ވަކާލާތު ކުރަމުންނެވެ.
އަދީބު ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ ރާއްޖޭގައި މިހާތަނަށް ފެންމަތިވި އެންމެ ބޮޑު ކަރަޕްޝަން މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ އާއި ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ލޯންޗު ކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ އާއި ގުޅިގެން އުފުލި ޓެރަރިޒަމް ދައުވާ އާއި ފިސްތޯލައެއް ގެންގުޅުނުކަމުގެ ދައުވާ ސާބިތުވެގެންނެވެ.
މި މައްސަލަތައް ސާބިތުވެ މިހާރު އަދީބް ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.