Last Updated: February 21, 18:25
Friday, February 21, 2025
ޚަބަރު

ދިއްދޫ ދާއިރާގެ މަޖިލިސް މެމްބަރު ލަތީފް ޕީޕީއެމުން ވަކިވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ހއ. ދިއްދޫ ދާއިރާގެ މަޖްލިސް މެމްބަރ އަބްދުއް ލަޠީފް މުހައްމަދު ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން ވަކިވެއްޖެ އެވެ.

ލަޠީފް ޕީޕީއެމްއިން ވަކިވެވަޑައިގަތުމަށް ނިންމަވައި ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ދިއްދޫގެ ޒުވާނުންނާއި ރައްޔިތުންގެ ހައްގުގައި ސާބިތުވެ ހުރެ އިތުރަށް މަސައްކަތް ކުރައްވަން ބޭނުންވާތީ، ޕީޕީއެމްގެ ޕީޖީ ގްރޫޕުން ނެރޭ ކޮންމެ ކޮންމެ ވިޕްލައިނަކާއި އެއްގޮތަށް ވޯޓު ދިނުމަކީ ކުރެވިދާނެ ކަމެއްކަމަށް ނުފެންނާތީ ޕީޕީއެމްގެ މެމްބަރު ކަމުން ވަކިވެފައިވާ ކަމަށެވެ

ޖޫން މަހުގެ 19 ވަނަ ދުވަހު ލިޔުއްވައި ލަޠީފް ސޮއި ކުރައްވާފައިވާ ލިއުމުގައި އިތުރަށް ވިދާޅުވެފައިވަނީ ފާއިތުވި ދެތިން އަހަރު ދުވަހުގެ ތެރޭގައި މަޖްލީހުން ނިންމާފައިވާ ބައެއް ނިންމުންތަކަކީ ޒުވާނުންނާއި މުޅި ރައްޔިތުންގެ ހެވާއި ލާބައަށް ނިންމާފައިވާ ނިންމުންތައްކަން އިހްސާސް ކުރެވޭ ކަމަށެވެ.

ނަމަވެސް ޕީޕީއެމްގެ މެމްބަރަކަށްވީތީ މިހާތަނަށް ޕީޕީއެމް ޕީޖީ ގްރޫޕުން ނެރުނު ހުރިހާ ވިޕްލައިނަކާއި އެއްގޮތަށް ވޯޓުތައްދީ ޕީޕީއެމް ދިފާއު ކުރެއްވުމަށް އެކި މީޑިއާތަކާއި ފޯރަމް ތަކުގައި އެންމެ ގަދައަށް އަޑު އުފުލި އެކަކަށް ވާނެކަމަށެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޕީޕީއެމްއިން ނިންމާފައިވާ މުހިއްމު ބައެއް ނިންމުންތަކާއި ސަރުކާރުގެ ސިޔާސަތުަތަކަށް ޕީޕީއެމްގެ އާއްމު މެމްބަރުންގެ ވެސް މާ ބޮޑު ތާއިދެއް ނެތްކަން ނިމިގެން ދިޔަ ލޯކަލް ކައުންސިލުގެ ނަތީޖާއިން ވަރަށް ސާފުކޮށް ފެނިގެން ގޮސްފައިވާއިރު އެއީ އެންމެންނަށްވެސް ފެންނަން ހުރި ހަގީގަތެއްކަން ލަޠީފް ފާހަގަ ކުރެއްވިއެވެ.

ލަޠީފް ޕީޕީއެމް ވަކިވި އިރު ދާދިފަހުން ލީކްވި ޕީޕީއެމް ޕީޖީ ވައިބަރ ގްރޫޕްގައި ބައެއް މެމްބަރުން ވަނީ ލާޠީފްއަށް ފާޑު ވިދާޅުވެފައެވެ. އަދި ލަޠީފްވެސް ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

މީގެ ކުރިންވެސް ލަޠީފް ސަރުކާރަށް ފާޑު ވިދާޅުވެ އިދިކޮޅު ފަރާތްތަކާއި އެކު މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ފަހުން ވަނީ ޕީޕީއެމްގެ ހަރަކާތުގެ އިސް ސަފުގައި މަސައްކަތް ކުރައްވާފައެވެ.

ލަޠީފް ޕީޕީއެމްއިން ވަކިވެވަޑައިގެންނެވި އިރު މަޖްލިސްގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ޕީޕީއެމްގެ 10 މެމްބަރަކު ވަނީ ސޮއި ކުރައްވާފައެވެ.