އައްޑޫ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ފަނާ ކުރުމުގެ ފުރިހަމަ ޒިންމާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ މެމްބަރު އިބްރާހީމްދީދީ (އައިބީ) އާއި ހުޅުދޫ މެމްބަރު މުހައްމަދު ޝާހިދު (ޝާޑް) ފުރިހަމަ އަށް ނަންގަވަން ޖެހޭނެ ކަމަށް އައްޑޫގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަދި މަރަދޫގެ ކުރީގެ ކައުންސިލަރު އަބްދުﷲ ތައްޔިބް (ޓޮމް) ވިދާޅުވެއްޖެ އެވެ.
އޭނާ ލިޔުއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އައްޑޫގެ ފަހުރެއް ކަމަށްވާ އީސީސީ ފަނާ ކުރުމުގެ ޒިންމާ އެ ދެ މެމްބަރުން ފުރިހަމަ އަށް ނަންގަވަން ޖެހޭނެ ކަމަށެވެ.
ޓޮމް މިހެން ވިދާޅުވީ އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ކަމަށް ބުނެ "އެތައް ނަައްތާލަން" ސަރުކާރުން މަސައްކަތް ކުރަމުންދާތީ އައްޑޫ ސިޓީ ކައުންސިލާއި އައްޑޫގެ ވަރަށް ގިނަ ރައްޔިތުން ތަކުރާރުކޮށް ކަންބޮޑުވުން ފާޅު ކުރަމުންދާތީ އެވެ.
މީގެ ކުރިން މި މައްސަލާގައި އެކި ގޮތްގޮތުން ސަރުކާރާ އެކު، ކައުންސިލުން މަޝްވަރާތަކެއްކޮށްފައިވެ އެވެ.
އެހެން ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް އައުމާ އެކު، ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައި އީސީސީ ބަހައްޓައިގެން އެތަން ވީރާނާކޮށްލަމުންދާ ކަމުގެ ތުހުމަތު ވަނީ އަޅުވައިފަ އެވެ.
އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރަން އެލިއާ ކޮންސްޓްރަކްޝަނާ މިދިޔަ އަހަރު ހަވާލު ކުރުމުގެ ކުރިން އީސީސީ ބަލަހައްޓަން ސަރުކާރުން އެއްވެސް މަސައްކަތެއްކޮށްފައެއް ނުވެ އެވެ. އެހެންވެ އެތަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
އެހެންވެ އީސީސީ އަށް ސަރުކާރުން އަޅާނުލުމުގެ ޒިންމާ ސަރުކާރުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި އައިބީ އާއި ޝާޑް ނަންގަވަން ޖެހޭނެ ކަމަށް ވަރަށް ގިނަ ބަޔަކު ބުނެ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި އީސީސީ ހޮސްޕިޓަލަކަށް ބަދަލުކޮށް އަންނަ އަހަރުގެ ކުރީކޮޅު އެތަން ހުޅުވާނެ އެވެ.