ނަރުދަމާ ނިޒާމުގެ ހިދުމަތަށް އެދުމުގެ ފުރުސަތު ހުޅުމީދޫ ރައްޔިތުންނަށް ހައުސިން މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ނަރުދަމާގެ ހިދުމަތަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މި ޚިދުމަތް ދިނުމަށް ދޭން ހަމަޖެހިފައި ވަނީ އެކަމަށް އެދި ގޭގެ ވެރިފަރާތުން އެޕްލިކޭޝަން ފޯމް ހުށަހެޅުމުންނެވެ.
އެގޮތުން މިހާރު ދީފައިވާ ސުންގަޑި ތެރޭގައި ހިދުމަތަށްް އެދޭ ގޭބިސީތަކުގެ ތެރެއިން ޝަރުތު ހަމަވާ ގޭގެ އަށް ހިލޭ ހޮޅި ގުޅައިދެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ހައުސިން މިނިސްޓްރީން އަދި ބުނީ މުއްދަތުގެ ފަހުން ހުށަހަޅާ ފޯމްތަކަށް، ގޭގެ އަށް ޖަންކްޝަން ހޮޅި ގުޅައި ދެވޭނީ އެ އަވަށެއްގައި އެ ޚިދުމަތް ދިނުމަށް ކަނޑައެޅިފައިވާ ޔުޓިލިޓީ ކުންފުނިން އެކަމަށް ކަނޑައަޅާ ޢުސޫލެއްގެ ދަށުން ކަމަށެވެ.
ނަރުދަމާގެ ހިދުމަތަށް އެދޭ ފޯމް ހުޅުމީދޫން ދޫކުރުމާއި ބަލައި ގަތުން އޮންނާނީ އެ އަވަށުގެ ލޭންޑް، ބިލްޑިން އެންޑް މުނިސިޕަލް ސާވިސަސް ޑިޕާޓްމަންޓްގެ ހުޅުމީދޫ ސެކްޝަނާއި ސިއެރާ ކޮންސްޓްރަކްޝަން ހުޅުމީދޫ ސައިޓް އޮފީހުންނެވެ.
ފޯމް ދޫކުރާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އަށެވެ.
ހުޅުމީދޫ ނަރުދަމާ ނިޒާމްގެ މަސައްކަތް ރަސްމީކޮށް ފެށީ މިދިޔަ އެޕްރީލް މަހުގެ 28 ގަ އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ލަންކާގެ ސިއެރާ ކުންފުންޏާ އެވެ.
މީގެ އިތުރުން އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ގޭބިސީތަކަށް ވެސް ވަނީ ނަރުދަމާގެ ހިދުމަތަށް އެދުމުގެ ފުރުސަތު މިދިޔަ މަހު ހުޅުވާލައިފަ އެވެ.