މި ދުވަސްވަރަކީ ހޮޑުލުމުގެ ބަލި ރާއްޖޭގައި އާއްމުވެފައިވާ ދުވަސްވަރެކެވެ. ހޮޑުލުމަކީ މީހާގެ ހަށިގަނޑުގެ އެތެރޭގައި ބައްޔެއް ހުރިކަން އަންގައިދީ ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކޮށްލާ ކަމެކެވެ.
ހޮޑުލުމަށް ގޭގައިވެސް ފަރުވާ ކުރެވިދާނެ ގޮތްތަކެއް އެބަހުއްޓެވެ.
މިގޮތުން ބަލާއިރު އިނގުރަކީ ވަރަށް ފައިދާކުރަނިވި އެއްޗެކެވެ. އިނގުރު ގާނައިގެން ނުވަތަ ކުނޑިކޮށްގެން ސައި ތަށްޓެއް ބޮއެލާށެވެ. މިއިންވެސް ހޮޑުލުމަށް ކޮންމެވެސްވަރެއްގެ ލުޔެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ކުޑަ އިނގުރު ކޮޅެއްގައި މާމުއި ހާކާލުމަށްފަހު ހަފާލާށެވެ. އަދި އިނގުރު ސައި ހަދާއިރު ފިޔާވެސް ބޭނުންކުރުމަކީ ހޮޑުލުން އަވަހަށް ރަނގަޅުކޮށްދޭނެ ކަމެކެވެ.
ހޮޑުލުން ހުއްޓުވުމަށް އެންމެ މުހިއްމު އެކައްޗަކަށް ބޭނުންކުރެވޭނީ މިންޓް ލީވްސްއެވެ. ހޮޑުލަވާގޮތް ވުމުން މިންޓް ލީވްސް ކޮޅެއް ކާލުމުން ރަނގަޅުވާނެއެވެ. މިންޓް ލީވްސް އަކީ ބަނޑުގެ ތެރޭގައި ހުންނަ ޖަރާސީމުތައް ނައްތާލާ އެއްޗެކެވެ.
ކަރަންފުލަކީވެސް ހޮޑުލުން ހުއްޓުވައިދޭ އެއްޗެކެވެ. މޭޒުމަތީ ސަމުސާއެއްގައި ހުރި ކަރަންފޫ ފެނުކެއްކުމަށްފަހު ފުރާނައިގެން ބޮއެލާށެވެ. ކަރަންފުލުގެ ވަހުން އެކަނިވެސް ހޮޑުލުމަށް ލުޔެއް ލިބޭނެއެވެ. ހަމަ މިގޮތަށް ފޮނިތޮށި އަދި ދިރިވެސް މުގުރައިގެން ފެނުކައްކައިގެން ބުއިން ރަނގަޅެވެ.
ހޮޑުލެވޭހެން ހީވާން ފެށުމުން ފެން ތަށްޓެއްގެ ތެރެއަށް އެއް ސަމުސާ ހަކުރާއި އެއް ސަމުސާ ލޮނު އަޅައިގެން ބޮއެލުމުން ހޮޑު ނުލެވޭނެއެވެ.
ހޮޑުލެވޭނަމަ ދިޔާތަކެތި ބޭނުންކުރުން އިތުރުކުރުމާއި ޖޫހާއި ސޫޕް އަދި ފެން ބޭނުންކުރުން އިތުރުކުރުމަކީ މުހިއްމު ކަމެކެވެ. ހޮޑުލުމަށްފަހު މީހާއަށް ކުރިމަތިވާ ވަރުބަލިކަން ފިލުވައިލުމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ލުނބޯ ޖޫސް ތަށްޓެއް ބޮއެލުމެވެ.
މިދުވަސްވަރު ފެތުރެމުންދާ ބަލިމަޑުކަމާއިމެދު ސަމާލުވުމަށާއި ބޭރަށް ހިންގުމާއި ހޮޑުލެވުން ކުރިމަތިވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. .