މިދިޔަ އެޕްރީލް މަހުގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލަން ފުރުސަތު ލިބުނީ ފުލުހުން އިހުމާލުން ކަމަށް ބުނެ އޭނާގެ ބައްޕަ ހުސައިން ރަޝީދު ފުލުހުންނާ ދެކޮޅަށް ދައުވާކޮށްފި އެވެ.
ޔާމީންގެ ބައްޕަ ކުރި ދައުވާގައި ބުނެފައި ވަނީ އޭނާގެ ދަރިފުޅަށް ތަކުރާރުކޮށް އިންޒާރު ލިބެމުން ދިޔަ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް ގެނެސްފައިވާ އިރު، އޭނާ އަށް ފޯރުކޮށް ދޭން ޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށް ދިނުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށެވެ.
މި މައްސަލާގައި އިއްޔެ ބޭއްވި އަޑު އެހުމުގައި ދައުލަތުން ވަނީ މައްސަލައިގެ އަޑު އެހުންތަކާއި މައްސަލައާ ގުޅިގެން ހުށަހެޅޭ އެންމެހައި ލިޔެކިޔުން ސިއްރުކޮށްގެން ނޫނީ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބުނެ ދައުވާ އަށް ޖަވާބުދާރީ ވާން އިންކާރުކޮށްފަ އެވެ.
ޔާމީންގެ އާއިލާ އިން ބުނެފައި ވަނީ ހާމަކަމާ އެކު ޝަރީއަތް ކުރެވުމަކީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާ އިން ކަށަވަރުކޮށް ދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. އަދި އެ މައްސަލައަކީ މިހާރު ތަހުގީގު ކުރަމުން އަންނަ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހުގީގާ ގުޅުންހުރި މައްސަލައަކަށް ނުވާތީ ޝަރީއަތުގެ އަ ޑުއެހުން ސިއްރު ކުރަން އާއިލާ އިން ވަނީ އިއުތިރާޒުކޮށްފަ އެވެ.
އެހެން ނަމަވެސް ޝަރީއަތް ސިއްރު ކުރުމާ މެދު އިއްޔެ ވަކި ގޮތެއް ނުނިންމަ އެވެ.