Last Updated: November 24, 10:30
Sunday, November 24, 2024
ޚަބަރު

ހުޅުމީދު އަށް ސިންކްރޮނައިޒިން ޕެނަލް ބޯޑްތަކެއް

ހުޅުމީދޫގެ ކަރަންޓްގެ ހިދުމަތް އިތުރަށް ރަނގަޅު ކުރުމަށްޓަކައި ފެނަކަ ކޯޕަރޭޝަނުން ހުޅުމީދޫ އިންޖީނުގޭގައި ބަހައްޓަން ސިންކްރޮނައިޒިން ޕެނަލް ބޯޑްތަކެއް ގެނެސްފި އެވެ.

އިންޖީނުތައް މެދުނުކެނޑި މަސައްކަތް ކުރުމަށް އެހީތެރިވެދޭ ސިންކްރޮނައިޒިންގް ޕެނަލްސް ބޯޑްތައް ހުޅުމީދޫގެ އިތުރަށް ފެނަކައިން ކަރަންޓްގެ ޚިދުމަތްދޭ 24 ރަށަކަށް މިދިޔަ މަހު ވަނީ ފޮނުވައިފަ އެވެ.

ސިންކްރޮނައިޒިންގް ޕެނަލްތައް ހަރުކުރުމުން ޖަނެރޭޓަރު މަސައްކަތް ކުރާނީ އެއް ސިސްޓަމްގެ ދަށުންނެވެ. އެކަމުގެ ސަބަބުން އެއް ޖެނެރޭޓަރުން އަނެއް ޖެނެރޭޓަރަށް މަސައްކަތް ބަދަލު ކުރާ އިރު ކަރަންޓް ކެނޑުމާއި، އިލެކްޓްރޯނިކް ސާމާނަށް ލިބޭ ގެއްލުންތައް ހައްލު ކުރެވިގެން ދާނެ އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނެޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ސިންކްރޮނައިޒިން ޕެނަލްތައް އިންސްޓޯލް ކުރެވުމުން އެ ރަށްރަށުގައި ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލު ވާނެ ކަމަށެވެ.

"އެއް އިންޖީނުން އަނެއް އިންޖީނަށް ބަދަލުކޮށްލާއިރު ބައެއް އިލެކްޓްރޯނިކްސް ވަސީލަތްތަކަށް ލިބެމުން ދިޔަ ގެއްލުން އެކީގައިހެން ނެތިގެން ދާނެ،" އޭނާ ވިދާޅުވި އެވެ. "އޭގެ މާނައަކީ ސިންކްރޮނައިޒިން ޕެނަލްތައް ގާއިމް ކުރެވުމާ އެކީގައި އެރަށެއްގައި ހުންނަ ހުރިހާ އިންޖީނުތަކެއް ހުންނާނީ އެއް ޕެނަލަކާ ގުޅިފައި."